ކޯވިޑު-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ރަސްފަންނުގައި ކުރިޔަށް ގެންދިޔަ ނައިޓްމާކެޓް ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނައިޓްމާކެޓުގައި ބައިވެރިވި ގިނަ ބައެއްގެ އެދުމުގެ މަތިން އެޗްޕީއޭގައި އެދުމުން، އާއްމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް އެ އެޖެންސީން އަންގާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ އަލުން ނައިޓްމާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ. ކޯޯވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ފިހާރައަށް އެއްފަހަރާ އެންމެ ގިނައިން ވަދެވޭ މީހުންގެ އަދަދު ކަނޑައަޅައި، އަތް ސެނެޓައިޒް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެޗްޕީއޭގެ އެސްއޯޕީގައި ކަނޑައަޅާފައިވެ އެވެ.
ރަސްފަންނުގައި ބާއްވަމުން ދިޔަ މަގުމަތީ ބާޒާރު ވަގުތުން ހުއްޓާލުމަށް އެޗްޕީއޭއިން އިއްޔެ ސިޓީ ކައުންސިލަށް އެންގީ ކޯވިޑަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މަގުމަތީ ބާޒާރު ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.
ނަމަވެސް އަދިވެސް ނައިޓް މާކެޓް ކުރިއަށްދާއިރު، ކޮވިޑުން ރައްކާތެރިވުމުގެ އެއްވެސް ފިޔަވަޅަކަށް އެ ތަނުގައި ނުބަލަ އެވެ. މާސްކް އެޅުމެއް ނެތި، ގައިދުރުކަން ބެހެއްޓުމަށް ވެސް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭކަން ފާހަގަ ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް