ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފަ އޮތް އޮތުން އަނެއްކާވެސް ތަންފީޒު ކުރަން ފުލުހުން ނުކުމެއްޖެ އެވެ.
ފުލުހުން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ކޮވިޑް އަށް ފައްސިވަމުން ދާ އަދަދު މަތިވަމުންދާތީވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްކް އެޅުން ވަނީ މަޖުބޫރުކުރެވިފައި ކަމުގަ ހަނދާން ކޮށްދޭ ކަމަށެވެ.
އެހެންކަމުން މިކަން ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމުގައި އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގައިޑްލައިން ބުނާގޮތުން މާސްކު ނާޅާނަމަ ނަސޭހަތް ދިނުމަށް ފަހު ތަކުރާރުކޮށްފި ނަމަ1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ކޯވިޑް ކޭސްތައް މަދުވުމުން އާންމުން ވަނީ މާސްކު އެޅުމާއި ގައިދުރު ކަމަށް ފަރުވާކުޑަކޮށްފަ އެވެ. އަދި ކަމާ ބެހޭ އިދާރާތަކުންވެސް ކޮވިޑް ކޭސްތައް މަދުވުމުން މިކަންކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަންނަނީ ހަލުވި ކަމާއި އެކު އިތުރުވަމުންނެވެ. އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސް ހިސާބު ތަކަށް ބަލާލާއިރު މިއަދު އެކަނިވެސް 304 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 2،908 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 93،865 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 264 އަށް އަރާފަ އެވެ. . ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 97،050 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް