ހިޖުރަ ކޮށްފައިވާ ރެފިއުޖީންނަށް ތުރުކީގެ ރައްޔިތުންނަށް ވުމުގެ ފުރުސަތު ދޭން ނިންމައިފި

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަތަކާއި ގުޅިގެން އިރާގާއި ސީރިޔާ ދޫކޮށް ތުރުކީއަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް ތުރުކީގެ ރައްޔިތުންނަށް ވުމުގެ ފުރުސަތެ ދޭން ނިންމާފައިވާކަމުގައި ތުރުކީގެ ރަ...

07 Jan 2017 | 01:37

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަތަކާއި ގުޅިގެން އިރާގާއި ސީރިޔާ ދޫކޮށް ތުރުކީއަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް ތުރުކީގެ ރައްޔިތުންނަށް ވުމުގެ ފުރުސަތެ ދޭން ނިންމާފައިވާކަމުގައި ތުރުކީގެ ރައީސް ތައްޔިބު އުރުދުޢާން ވިދާޅުވެއްޖެ އެވެ.

އުރުދުޢާން އިއްޔެ މިހެން ވިދާޅުވީ ޓީވީ މެދުވެރި ކުރައްވައި ގައުމާއި މުހާތަބު ކުރައްވަމުންނެވެ.

އުރުދުޢާން ވިދާޅުވީ ގައުމުގެ ހާރިޖީ ވުޒާރާއިން އެކަމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ހިޖުރަކޮށްފައިވާ މީހުންގެ މައުލޫމާތުތައް ސާފުކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގައުމުގެ ރައްޔިތަކަށް ވުމުގެ ފުރުސަތު ދެވެން އޮތް ފަރާތަކަށް ދިނުމަށް ނިންމާފައިވާކަމަށެވެ.

"އޭގެ ތެރޭގައި އެކި ގޮތްގޮތުން ގާބިލު މީހުން އެބަތިބި، އެންޖިނޭރުން އެބަތިބި، ގާނޫނީ ވަކީލުން އެބަތިބި، ކިޔަވައިގެން ތިބި މޮޅެތި ޑޮކްޓަރުން އެބަތިބި، މި އެންމެންގެ ބޭނުން ގައުމަށް ހެޔޮގޮތުގައި ހިފިދާނެ، ގައުމު ބިނާކުރުމުގައި ބޭނުންކުރެވިދާނެ" ޓީވީ މެދުވެރިކުރައްވައި ގައުމާއި މުހާތަބު ކުރައްވަމުން އުރުދުޢާން ވިދާޅުވި އެވެ.

އުރުދުޢާން ވިދާޅުވީ ނުގަވައިދުން އެމީހުން އެތަން މިތާނގައި ވަގަށް ފިލައިގެން މަސައްކަތް ކުރުމަށްވުރެ ގައުމުގެ ރައްޔިތަކަށްވެ ގައުމުގެ ދަރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަކީ އެއްމެ ރަނގަޅު ގޮތް ކަމަށެވެ.

އުރުދުޢާން މި ނިންމުމާއި މެދު އެގައުމުގައި ފާޑުކިޔާ ގިނަ ބަޔަކު ތިބިކަންވެސް ފާހަގަކޮށްލެވޭއިރު އެ ފަރާތްތަކުން ބުނަނީ އުރުދުޢާންގެ މި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އޭނާގެ މަގްސަދަކީ ގިނަބަޔަކަށް ގައުމުގެ ރައްޔިތުކަންދީ އޭނާގެ ކޮޅަށް ވޯޓު ގިނަކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް