ޑިއުޓީ އަދާ ކުރަމުން ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުންބުނީ މިއަދު 15:45 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަޚަމް ކޮށްލާފައި ވަނީ ވިލިމާލޭގައި ކަމަށާއި މި ހާދިސާގައި ޒަޚަމްވި ފުލުސް މީހާއަށް ވިލިމާލެ ސިއްޙީމަރުކަޒުން ފަރުވާދިނުމަށްފަހު އިތުރަށް ތަޙުލީލުތައް ކުރުމަށް ފުލުހުންގެ ލޯންޗެއްގައި މާލެގެނެސް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އަދި ފުލުސް މީހާއަށް ހަމަލާދިން ވަޅި (ތިލައިގައި 17 ސެންޓިމީޓަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ ފުލުހުސް މީހާ އަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ވިލިމާލެ މަލްޓި ޕޮއިންޓް ފިހާރައިން ވައްކަން ކުރި މައްސަލައަކާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު އޭނާގެ އަތުގައި އޮތް ވަޅިއަކުން ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެސް ފުލުހުން ބުނެއެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް