ރާއްޖޭގައި ތިބި ސްރީލަންކާގެ ގައިދީން ލަންކާއަށް ބަދަލު ކުރުމަށް ފަހު އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި ލަންކާގައި ފުރިހަމަކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ލަންކާގެ ގައިދީން އެ ގައުމަށް ބަދަލު ކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަށް ޝުކުރު އަދާކޮށް، އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ގައިދީން ގައުމަށް ފޮނުވާލަނީ، ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެދިވަޑައިގަތުމަކާ ގުޅިގެން ކަމަށެވެ. ރައީސް ރާޖަޕަކްސަ އެ ގޮތަށް އެދިވަޑައިގަތީ، އެ މިނިސްޓްރީން ބުނި ގޮތުގައި، ރައީސް ޔާމީނާ އެކު ދާދި ފަހުން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
އެންމެ ފަހުން ރައީސް ޔާމީނާއި ރާޖަޕަކްސާ ބައްދަލު ކުރައްވާފައިވަނީ ނޭޕާލުގައި ބޭއްވި 18 ވަނަ ސާކް ސަމިޓުގެ ތެރެއިންނެވެ.
ލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ޖަލުގައި ތިބި 15 ގައިދީން އެމީހުންގެ އާއިލާއާއި ގާތުގައި ތިބުމަށް ގައުމަށް ބަދަލުކޮށްދިނުމަށް ރާޖަޕަކްސަގެ އަރިހުން އެދިފައިވާ ކަމަށެވެ. އެހެން ކަމުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ގައިދީން ލަންކާއަށް ގެންދިއުމުގެ މަސައްކަތް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ފަށާނެ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ލަންކާގެ 15 ގައިދީން އެ ގައުމުގެ ސަރުކާރާ ހަވާލުކުރަން ރައީސް އަބްދުﷲ ޔާމީން އިއްޔެ ނިންމެވީ ދެ ގައުމުގެ ދެމެދު އޮތް ބަދަހި ގުޅުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެ މީހުން ޖަލަށް ލާފައިވާ މައްސަލަތަކާއި މުއްދަތުގެ ތަފްސީލް އެއްވެސް ގައުމަކުން ހާމައެއް ނުކުރެ އެވެ.
ކުށްވެރިން ބަދަލުކުރުމާ ބެހޭ ގާނޫނު ނުވަތަ އެކްސްޓްރެޑިޝަން ބިލް ރައީސް ޔާމީން ވަނީ މިދިޔަ ހޯމަ ދުވަހު ތަސްދީގު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް