ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު ތިންހާސް ރުފިޔާއިން ޖޫރިމަނާކޮށްފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު 3000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ޙުކުމް ކޮށްފައިވަނީ ތ. ތިމަރަފުށި، ގޯލްޑަން ހައުސް، އަޙްސަން ޙަސަންމަނިކު (29އ) ގެ މައްޗަށެ...

07 Jan 2015 | 06:30

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު 3000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ޙުކުމް ކޮށްފައިވަނީ ތ. ތިމަރަފުށި، ގޯލްޑަން ހައުސް، އަޙްސަން ޙަސަންމަނިކު (29އ) ގެ މައްޗަށެވެ.

ދަޢުލަތުން އޭނާގެ މައްޗަށް ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އުފުލާފައިވަނީ، 2013 އޭޕްރީލް 09 ވަނަ ދުވަހު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންގޮސް، ސިނަމާލެ ތެރޭގައި ހުރި މީހެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާ ބަލައި ފާސްކުރުމަށް، އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އަޙްސަން ޙަސަންމަނިކް ފުލުހުންނާއި އެމީހާއާ ދެމެދަށް ވަދެ، އޭނާ ނުގެންދެވޭނެކަމަށާއި ބަލައި ފާސް ނުކުރެވޭނެކަމަށް ބުނެ ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސް އެޅާފައިވާ މައްސަލައާ ގުޅިގެންގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު 2015 ޖެނުއަރީ 05 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން މި ދަޢުވާ ޝަރީޢަތަށް ސާބިތުވާތީ، ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުން ތ. ތިމަރަފުށި، ގޯލްޑަން ހައުސް، އަޙްސަން ޙަސަން މަނިކު ކުށްވެރި ވާކަމަށެވެ.

އެހެންކަމުން، މިއީ އަޙްސަން ޙަސަންމަނިކުގެ މައްޗަށް މި ބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަމްބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 72 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އަޙްސަން ޙަސަންމަނިކު 3000 ރުފިޔާއިން ޖޫރިމަނާ ކުރާކަމަށްވެސް އެ ޙުކުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް