ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ މުދާ އަރުވައިގެން ދަތުރުކުރި ޓެކްސީއެެއް ބަލައި ފާސްކޮށް ވަގަށް ނަގާފައިވާކަމަށް ބެލެވޭ މުދަލާއި ފައިސާއާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ 11:40 ހާއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް އަރުވައިގެން ދަތުރުކުރިކަމަށް ބެލެވޭ ކާރެއް ބަލައި ފާސްކޮށް ކަރާމާރުކޭޓް ސަރަހައްދުން ކަމަށާއި އެ ކާރުން ފެނުނު ބައެއް ސާމާނުތަކުގައާއި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ އަތުން ފެނުނު ފައިސާގައި ލޭ ކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރުމުން، ފުލުހުން ދަނީ އެ ކަންތައް އިތުރަށް ބަލަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ 102 ފަހަރު މަތިން ހުއްޓުވައި ބަލައި ފާސްކޮށް 31 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 9 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ 9 މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި މައްސަލައެއް ސާބިތުވެ މީގެ ކުރިން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވާކަމަށާއި އޭނާއަކީ މަސްތުވާތަކެއްޗާއި، ވައްކަމާއި، ވަގަށް ނަގާފައިވާ ތަކެތި ވިއްކުމާއި ކުޑަކުދިންނާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް