އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެކަން ހާމަކުރައްވާ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިއަދު ކަމަށެވެ...

23 Dec 2021 | 05:24

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެކަން ހާމަކުރައްވާ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިއަދު ކަމަށެވެ. އަދި މިވަގުތު ހުންނެވީ ގޭގައި ކަރަންޓީނުވެވަޑައިގެން ކަމަށެވެ.

ކޮވިޑުގެ ބައެއް އަލާމާތްތައް މަދުން ނަމަވެސް ފެނިފައިވާ ކަމަށާއި މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކްގައި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައިވާ ކަމަށާއި ބޫސްޓަރ ޑޯޒް ވެސް ޖައްސަވާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވެފައި ވެއެވެ.

ކޮވިޑުގައި ތަހަންމަލު ކުރަމުންދާ ފަރާތްތަކަށް ދުއާ ދަންނަވާ ކަމަށާއި ކޮވިޑް ވެކްސިން ނުލިބޭ ފަރާތްތަކަށް ވެސް ދުއާ ދަންނަވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި ވެކްސިން އިކުއަލިޓީ ހޭޝްޓެގް ބޭނުންކުރައްވައި ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމަށް ވެސް ގޮވައިލައްވާފައި ވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ، އެމަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޝާހިދު ދިރިއުޅުއްވަމުން ގެންދަވަނީ ނިއުޔޯކްގަ އެވެ. އެމަނިކުފާނު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް