ކޮންމެ މީހަކުވެސް މުސްލިމެއްގެ ހައިސިއްޔަތުން އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މާތް ﷲ ފަރުޟުކުރެއްވި ފަސް ނަމާދުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
''އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށާއި، ރަށުގައި ގާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމެއް ކަމަށެވެ. މި އަޅުކަން ނުކުރެވޭނެ ހަމައެކަނި ހާލަތަކީ ތިމާގެ ބުއްދި ފިލައިދިއުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދިވެހީންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ބަޔެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޚާއްސަކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން ފާހަގަކުރެވޭ ކަމަށާއި، ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔެއް ކަމަށެވެ. އޮފީސްތަކާއި ކުންފުނިތަކާއި ފިހާރަތަކުގައި ވަޒީފާގައި އުޅޭ ދިވެހިން ވެސް ވަރަށް ގިނަކަން ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ބުނީ މި ގޮތަށް ދުވާލުގެ ވަގުތުތައް ހޭދަކުރާއިރު، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހޭ ކަމަށާއި، އޮފީހުން ލިބޭ ހުސްވަގުތު، ބައްޕައެއް ނުވަތަ މަންމައެއްގެ ހައިސިއްޔަތުން ކުރާން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށެވެ. އެ ވަގުތަކީ މެންދުރުގެ ކެއުމާއި ދަރީންގެ ސްކޫލުގެ ކަންތައްތަކާއި މެންދުރު ނަމާދުކުރުން ފަދަ، ކަންކަންކުރުމަށް ލިބޭ ވަގުތުކޮޅެއް ކަމަށާއި، މި ކަންތައްތަކުގެ ތެރެއިން އިސްކަންދޭ ތަރުތީބުން ކަންތައްތައް ރާވައިނުލައިފި ނަމަ މީގެ ތެރެއިން ގިނަކަންތައްތައް ނުކުރެވޭ ކަމަށެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން ތިމާ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ރިޒުގު ދެއްވާ ފަރާތަކީ الله سُبْحَانَهُ وَتَعَالَى ނަމަވެސް މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްއޫލުވެ ނަމާދާ މެދު ޣާފިލުވެތިބޭ ތަން ފެންނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
" އެހެންކަމުން މި މަތިވެރި އަޅުކަމަށް އަހަރެމެން ވަގުތު ހުސްކުރަން ޖެހެނީ، ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި އެއްވެސް ޙާލެއްގައި ދެކިގެންނުވާނެއެވެ. އަޅާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައެވެ. ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ. (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ.)[1] މާނައީ: "ހަމަކަށަވަރުން، ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދުކޮށްފައިވާ ނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވެއްޖެއެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވެއްޖެއެވެ."
ޚުތުބާގައި ބުނީ މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ބޭނުން ފުއްދުމަށްޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާއަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެ ކަމަށާއި، އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުން ކަމަށެވެ. އަދި މިސްކިތު ޖަމާއަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެއް ކަމަށެވެ. އަދި ދީނުގައި އަންގަވައިފައިވާ ގޮތުގެ މަތީން، ނަމާދުތައް އޭގެ ޝަރުތުތަކާއި ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، الله އަށް ބިރުވެތިވެ ޚުޝޫއަތްތެރިވުން ފަދަ ކަންކަން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް