ގޯލްޑް ކަޕް 2024: މީދޫ އާއި ދިއްދޫގެ މެޗު އެއްވަރު. ދެވަނަ ބުރަށް އިތުރު އިންތިޒާރެއް

ރާއްޖޭގައި ފުޓުބޯޅަ ފޯރި އިތުރަށް ގަދަކުރުމަށް ގަލޮޅު ދަނޑުގައި މިހާރު ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް އޭގައި ދ.މީދޫ އާއި ހއ.ދިއްދޫގެ މެޗު އެއްވަރުވުމުން, ގްރޫޕް ސްޓޭޖްގެ ދެވ...

06 Dec 2024 | 05:53

ރާއްޖޭގައި ފުޓުބޯޅަ ފޯރި އިތުރަށް ގަދަކުރުމަށް ގަލޮޅު ދަނޑުގައި މިހާރު ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް އޭގައި ދ.މީދޫ އާއި ހއ.ދިއްދޫގެ މެޗު އެއްވަރުވުމުން, ގްރޫޕް ސްޓޭޖްގެ ދެވަނަ ފޭސް އިން ޖާގަ ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ފުރުޞަތު ދެޓީމަށްވެސް އޮތް މެޗު އެއްވަރުވީ 2-2 ނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ދިއްދޫންނެވެ. ދިއްދޫން ލީޑް ނެގީ 20 ވަނަ މިނިޓްގައި ހުސައިން ޝިފާހު ޖެހި ލަނޑުންނެވެ. އެކަމަކު އެ ލީޑްގައި އޮވެވުނީ އެންމެ ތިން މިނިޓެވެ, 24 ވަނަ މިނިޓްގައި އިބްރާހީމް އިމްރާން ލަނޑު ޖަހާ މީދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އިތުރު ލަނޑެއް ޖަހާ އިމްރާން ވަނީ މީދޫއަށް ލީޑްވެސް ނަގައިދީފައެވެ. އެކަމަކު ދިއްދޫން ވަނީ 78 ވަނަ މިނިތްގައި ނަތީޖާ ހަހަމަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދެ ލަނޑު ޖެހި މިދޫގެ އާދަމް އިމްރާން އެވެ.

މިނަތީޖާގެ ސަބަބުން ދެޓީމަށްވެސް ވަނީ ދެވަނަ ބުރައް ދިއުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.

ފަސް ޓީމް ހިމެނޭ ގްރޫޕްގައި މިދެ ޓީމަށްވެސް އަދި އެއް މެޗު އެބައޮތެވެ. މީދޫގެ ފަހު މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ކުޑަހުވަދޫއާއެވެ. ދިއްދޫގެ ފަހު މެޗުގައި މާދަމާރޭ ވާދަކުރާނީ ފަރެސްމާތޮޑާއާއެވެ. މިހަތަރު ޓީމްގެ ތެރެއިން ކަޓާފައިވަނީ ފަރެސްމާތޮޑާއެވެ. އެހެންކަމުން ފަހު މެޗުން މޮޅުވެގެން އަނެއް ތިން ޓީމަށްވެސް ފުރުޞަތު އެބައޮތެވެ. އެއްވަރުކޮށްގެންވެސް މީދޫ އާއި ދިއްދޫ އަށް ފުރުޞަތު އޮންނާނެއެވެ.

މިގްރޫޕުން އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަގީން ކޮށްފައި ވަނީ ފުވައްމުލައް ސިޓީ އެވެ. މީދޫ އާއި ދިއްދޫ ވެސް އޮތީ 4 ޕޮއިންޓާއެކުއެވެ. ކުޑަހުވަދޫ އޮތީ 3 ޕޮއިންޓާއެކުއެވެ. ފަރެސްމާތޮޑާއަށް ޕޮއިންޓެއް ނުލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް