މިހާރު ހޫން "ދަރުމަވަންތަ އާ ސްކޫލަށް 3 މަސް، ބިއްލޫރިތައް ތެޅި ނުރައްކާ އޮތުމުން ބަދަލުކުރަން ޖެހިއްޖެ" މި ސުރުހީގެ ދަށުން އިއްޔެ ޝާއިޢުކުރި ޚަބަރު އެސްޖޭ ކޮންސްޓްރަކްޝަނުން ދޮގުކޮށްފިއެވެ.
އެގޮތުން މިއަދު އެ އެސްޖޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ނޫހުން ދަރުމަވަންތަ ސްކޫލްގެ ބިއްލޫރިތަށް ތެޅޭކަމަށް ރިޕޯޓުކޮށްފައިވާތީ، ކަންހިގާފައިވާގޮތް ބެލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކުންފުނީގެ ފަންނީ ޓީމަކުން މިއަދު ހެދުނު 10:30 ގައި ދަރުމަވަންތަ ސްކޫލްގެ ހާލަތު ބެލި ކަމަށެވެ.
"ސިޑިން އަރާފައިބާއިރު ފައިން ޖެހޭ ހިސާބުގައިވާ ބިއްލޫރި ގަނޑަކަށާއި ސިޑި ކާރީގައިވާ ދެބިއްލޫރި ގަނޑެއްގައި ރެނދު ލާފައި ހުރުމުގެ އިތުރުން އެހެން އެއްވެސް ކަމެއް އެތަހުން ފެންނާކަށް ނެތެވެ. މިބިއްލޫރިތަށް ތަޅާގެން ދިޔައީތޯ ނުވަތަ ނުވަތަ މީހަކު ކުރިކަމަކުން ތަޅާގެން ދިޔައީތޯ މިދަނީ ބަލަމުންނެވެ." އެސްޖޭއިން ބުނެފައިވެއެވެ.
އެސްޖޭއިން ބުނެފައިވަނީ މިސްކޫލަކީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެކުންފުނީގެ ފަރާތުން މަރާމާތުކޮށް ބަލަހައްޓާ ސްކޫލަކަށްވާތީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޑިފެކްސް ރިޕޯޓްކުރާ ދުވަހު، އެކަމަކަށް މިހާތަނަށް މިދަނީ އެޓެންޑް ވަމުންކަމަށެވެ. ނަމަވެސް ދޮރުތަކުގެ ބިއްލޫރި ތަޅާގެންދާކަން މިކުންފުންޏަށް އަންގާފައިނުވާކަމަށާއި އެކަން އަންގާފައިނުވަނީ މިޑިސެމްބަރު މަހު ސްކޫލް ބަންދުގައި އެހިނދަށް ސްކޫލްގައި ކުރާންހުރި މަރާމާތުތަށް ކުރުމަށް ޝެޑިއުލް ކުރެވިވާތީ ކަމަށް މިނިސްޓްރީގެ ޓީމުން ބުނާކަމަށްވެސް އެސްޖޭއިން ބުނެއެވެ.
"އެތަށް ސަތޭކަ ކުދިން ކިޔަވަމުންދާ ސްކޫލެއް ދަރިވަރުންނަށް ނުރައްކާއޮތް ކަމަށް ދޭހަވާފަދަ މޭރުކަމަކުން ހަބަރު ގެނެސް ދިނުމަކީ ފަރުވާލެއްނެތި ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ގަސްތުގައި ކަމެއް ކަމުގައި ދެކެމެވެ. މިއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމުގައި ފާހަގަ ކުރަމެވެ." އެސްޖޭގެ ނޫސްބަޔާނުގައި ބުނެފައިއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ސްކޫލުގެ ހާލަތު އަމިއްލައަށް ބަލާލުމަށް ނޫސްވެރިންނަށާއި ބެލެނިވެރިންނަށާއި ކަމާއިގުޅޭ ފަންނީ ބޭފުޅުންނަށް ދައުވަތު އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް