ވޯލްޑް ކަޕް 2022: ޕެނަލްޓީއިން ސްޕެއިން ބަލިކޮށް މޮރޮކޯ ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ޕެނަލްޓީ ޝޫޓްއައުޓް އިން ޔޫރަޕްގެ ގަދަބާރު ސްޕެއިން ބަލިކޮށް، މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މިރޭ ކުޅުނު މެޗުގެ 9...

06 Dec 2022 | 18:09

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ޕެނަލްޓީ ޝޫޓްއައުޓް އިން ޔޫރަޕްގެ ގަދަބާރު ސްޕެއިން ބަލިކޮށް، މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު މެޗުގެ 90 މިނިޓާއި އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނުއިރު، ޕެނަލްޓީ އިން މޮރޮކޯ މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމަށް އެޓޭކްތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. މާކޯ އެސެންސިއޯއަށް ލިބުނު ހަމައެކަނި ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ބޭރު ދާގަނޑަށެވެ. އަނެއްކޮޅުން މޮރޮކޯއިން ވަނީ ކައުންޓަރ އެޓޭކްގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ދެ ވަނަ ހާފު ފެށިގެން ވެސް ސްޕެއިންއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މި ހާފުގެ ފަހުކޮޅުގައި ސްޕެއިންއިން ރަނގަޅު އެޓޭކްތަކެއް ވެސް އުފެއްދިއެވެ. މެޗުގެ އިތުރު ވަގުތު ދެ ހާފުގައި ވެސް ސްޕެއިން އިން މޮރޮކޯގެ ގޯލަށް ބާރު ބޮޑުކޮށްލި ނަމަވެސް، ލަނޑެއް ޖެހުމުގައި އެ ޓީމަށް ކާމިޔާބީ ނުހޯދުނެވެ.

ޕެނަލްޓީ ޝޫޓްގައި ސްޕެއިންއިން ޖެހި ހުރިހާ ޕެނަލްޓީ އެއް ވެސް ވީ ނާކާމިޔާބެވެ. ފުރަތަމަ ސަރާބިއާ ޖެހުމުން ދަނޑިއަށް އަމާޒުވިއިރު، ކާލޯސް ސޮލާ އާއި ބުސްކެޓް ޖެހި ޕެނަލްޓީ މޮރޮކޯގެ ގޯލްކީޕަރު ވަނީ ސަލާމަތްކޮށްފައެވެ. މޮރޮކޯގެ ބެނޯން ޖެހި ޕެނަލްޓީ ސްޕެއިންގެ ކީޕަރު މަތަކުރިޔަސް، ސަބީރީ، ޒިޔެކް އަދި ހަކީމީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މޮރޮކޯއިން ކުއާޓާ ފައިނަލްގައި ވާދަކުރާނީ މިރޭ ޕޯޗުގަލް އާއި ސްވިޒަލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް