ރާއްޖޭގައި ސިޔާސީ ކަންކަން މިވަނީ ބޮޑު ބާޒާރަކަށް ވެފަ: ފާރިސް މައުމޫން

ރާއްޖޭގައި މިހާރު ސިޔާސީ ކަންކަން މިވަނީ ބޮޑު ބާޒާރަކަށް ވެފައި ކަމަށާއި އެކަން ބަދަލުވާންޖެހޭކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. އިލެކްޝަ...

06 Dec 2022 | 15:30

ރާއްޖޭގައި މިހާރު ސިޔާސީ ކަންކަން މިވަނީ ބޮޑު ބާޒާރަކަށް ވެފައި ކަމަށާއި އެކަން ބަދަލުވާންޖެހޭކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނާއެކު މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ފާރިސްގެ ވާހަކަފުޅު މައިގަނޑުގޮތެއްގައި އަމާޒުކުރެއްވީ އެ މައުލޫއަށެވެ.

އެގޮތުން ފާރިސް ވިދާޅުވީ ދިވެހި ރައްޔިތުންގެ، ވޯޓުލެވޭ އުމުރުގެ ގިނަ ބަޔަކު ތިބީ ސިޔާސީ ޕާޓީތަކާ ނުގުޅިކަމަށާއި ގިނަ ބަޔަކު ތިބެނީ ސިޔާސީ ކަންކަން ހިނގާގޮތުން ހިތްހަމަ ނުޖެހިގެން ސިޔާސީ ޕާޓީތަކާ ގުޅެން ބޭނުން ނުވެފައިކަމުގައި ގަބޫލުކުރެއްވޭ ކަމަށެވެ.

"ރައްޔިތުންގެ ތެރޭގައި އެބަތިބި ވަރަށް ތައުލީމީ ވަރަށް ގާބިލު ކަމަށް އެކަށީގެންވާ މީހުން ، ދައުލަތުގެ ކަންކަން ނިންމަންތިބޭ އެންމެ އިސް މީހުންނަށް އެންމެ އިސް ފަރާތްތަކަށް ވާންޖެހޭނީ ގައުމުގެ އެންމެ ގާބިލު މީހުންކަމަށް ގަބޫލުކުރެވޭ އެހެންވީމަ ނިޒާމު މިހާރު މި އޮތް ގޮތުން ސިޔާސީ ކަންކަމުގެ ސަގާފަތް މިހާރު މި އޮތްގޮތުން އޭގެ ތެރެއިން ގިނަ ބަޔަކަށް ހިދުމަތް ކުރުމުގެ ފުރުސަތުން މަހުރޫމުވެފަ މިވަނީ" ފާރިސް ވިދާޅުވިއެވެ.

ސިޔާސީ ކަންކަން ބޮޑު ބާޒާރަކަށްވެފައިވާކަން ފާހަގަކުރައްވަމުން ފާރިސް ވިދާޅުވީ މީހަކު ވަޒީފާއެއް ބޭނުންވެއްޖެނަމަ މީހަކު އަމިއްލަ ދިރިއުޅުމުގަ ކުރިއެރުމެއް ބޭނުންވެއްޖެނަމަ ކޮންމެވެސް ސިޔާސީ ޕާޓިއަކާ ގުޅިގެން ކޮންމެވެސް ބައެއްގެ ފަހަތަށް އަރައިގެން މެނުވީ ރައްޔިތަކަށް އެއްވެސް ކަމެއް ހާސިލުނުވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ.

"ބައެއް ބޭބޭފުޅުން ވާހަކަފުޅުގަވެސް އެބަވިދާޅުވޭ ތިމަންނަމެންނަށް މިވެނި މަގާމެއް ލިބިއްޖެނަމަ ތިމަންނަ ޕާޓީ މީހުންނަށް އެކަންޏޭ ހުރިހާ ވަޒީފާއެއް ލިބޭނީ، ހުރިހާ ސަރުކާރުގެ ކޮންޓްރެކްޓެއް ލިބޭނީ، ސްކޮލަޝިޕެއް ލިބޭނީ، ދައުލަތުން އެދިފަވާ، ހަމަޖައްސައިދޭންޖެހޭ ކަމެއް ހަމަޖެހޭނީ ޕާޓީއަށް ސޮއި ކުރީމައޭ، ޕާޓީއަށް މެންބަރުން ގެނައިމައޭ، 20 ފޯމުގަނައިމައޭ މި އުސޫލު މިއޮތީ ގާއިމުވެފަ، މި ނޫން ގޮތަކަށް ކަން ހިނގާނެކަމަށް މީހުން ގަބޫލުވެސް ނުކުރޭ މިހާރު" ފާރިސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވީ އެހެންކަމުން މިކަންކަމުން އަރައިގަންނަން އެބަޖެހޭކަމަށާއި އަރައިގަތުމަށް ސިޔާސީ ޕާޓީތަކުންވެސް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަނުންވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް