ފީފާ ވޯލްޑް ކަޕް 2022 ރައުންޑް އޮފް 16: މޮރޮކޯ - ސްޕެއިން މެޗު ޕްރިވިޔު

ތާރީޚް: 06 ޑިސެމްބަރ 2022 ގަޑި: 20:00 ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް ފީފާ ރޭންކިންގ: ސްޕެއިން (7)، މޮރޮކޯ (22) ހެޑް-ޓު-ހެޑް ނަތީޖާތައް: ފީފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމ...

06 Dec 2022 | 10:10

ތާރީޚް: 06 ޑިސެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް

ފީފާ ރޭންކިންގ: ސްޕެއިން (7)، މޮރޮކޯ (22)

ހެޑް-ޓު-ހެޑް ނަތީޖާތައް:

ފީފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެނުނުއިރު، އެ މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނީއެވެ. މީގެ އިތުރުން 1961 ވަނަ އަހަރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އިންޓަކޮންޓިނެންޓަލް ޕްލޭއޯފްގައި މި ދެ ގައުމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ ސްޕެއިން އެވެ.

އަންގާރަ ދުވަހު، ފީފާ ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގެ މެޗަށް ސްޕެއިންއާއި މޮރޮކޯ ނުކުންނައިރު، ފޭވަރިޓުންނަކީ ސްޕެއިންއެވެ. އެހެންނަމަވެސް، ގްރޫޕް ސްޓޭޖްގައި މޮރޮކޯ އިން ދެއްކި ވަރުގަދަ ކުޅުމަށް ބަލާނަމަ، އެ ޓީމުން ސްޕެއިން ބަލިކުރުމަކީ ސަޕްރައިޒަކަށް ގައިމު ވެސް ނުވާނެއެވެ.

ގްރޫޕް ސްޓޭޖްގައި ސްޕެއިން އިން ކޮސްޓަރިކާ ކޮޅަށް 7 ލަނޑު ޖަހައިގެން މުބާރާތް ފެށި ނަމަވެސް، ދެ ވަނަ މެޗު ޖަރުމަނު އަތުން އެއްވަރުވެ، ފަހު މެޗުން ޖަޕާން އަތުން ބަލިވެ، ލިބުނީ ގްރޫޕްގެ 2 ވަނައެވެ. ފަހު މެޗުގައި އެ ޓީމުގެ ފަހަތާއި މެދުތެރޭގެ ގުޅުން ކުރިން މެޗުތަކުގައި ފެނުނުހާ ރަނގަޅެއް ނޫނެވެ. އެހެނަސް، އެ މެޗު ފެށީ ސްޕެއިންގެ ފަހަތަށް ބަދަލުތަކެއް ގެނެސްގެން ކަމަށްވާތީ، މިރޭ މެޗުގައި އެ ބަލިކަށިކަން ނުފެނުން ގާތެވެ.

މޮރޮކޯއިން އެންމެން ހައިރާންކޮށްލުމަށްފަހު، ބެލްޖިއަމް އާއި ކްރޮއޭޝިއާ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ނިންމާލުމުން، އެ ޓީމުގެ ފެންވަރާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ޚާއްސަކޮށް ސްޕެއިން ފަދަ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ކުޅޭ ޓީމަކާ ދެކޮޅަށް، އަވަސް ކައުންޓަރ އެޓޭކުން ލަނޑު ޖެހޭފަދަ ހަލުވި ކުޅުންތެރިން މޮރޮކޯގައި އެބަ ތިއްބެވެ.

މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟

ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ ގަޑިން 00:00 ގައި، ޕޯޗުގަލް އާއި ސްވިޒަލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، އިތުރު ވަގުތުގެ 2 ހާފު ކުޅެ، 2-1 ގެ ނަތީޖާއިން ސްޕެއިން މޮޅުވުމެވެ.

ސްޕެއިން ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ސިމޯން، ކަވަހާލް، ރޮޑްރީ، ލަޕޯޓޭ، އަލްބާ، ޕެޑްރީ، ބުސްކެޓް، ގަވީ، ޓޮރޭސް، މޮރާޓާ، އޮލްމޯ

މޮރޮކޯ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ބޯނޯ، ހަކީމީ، ސައިސް، އެގުއާޑް، މަޒްރާއޯ، އޮނާހީ، އަމްރަބަޓް، ސަހީރީ، ޒިޔެކް، ނެސީރީ، ބޯފަލް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް