ހީރޯ އަލޮމް: ކިޔާ ލަވަ ރާގަށް ނުފެތޭތީ ހައްޔަރުކޮށް ޖަލަށް ލި !

ހީރޯ އަލޮމްގެ ނަމުން ބުނީމާ އެއީ އަދި ކާކުކަން ދުވަހުގެ ކިޔުންތެރިންނަށް ނޭނގިދާނެއެވެ. އެހެންނަމަވެސް މިހާރު ކުރިއަށްމިދާ ވޯލްޑްކަޕް ފެށުނު ދުވަސްކޮޅު ސޯޝަލް މީޑިއާގައި ވައިރަލްވި އާޖެންޓީނާ ލަވައާއި...

06 Dec 2022 | 08:02

ހީރޯ އަލޮމްގެ ނަމުން ބުނީމާ އެއީ އަދި ކާކުކަން ދުވަހުގެ ކިޔުންތެރިންނަށް ނޭނގިދާނެއެވެ. އެހެންނަމަވެސް މިހާރު ކުރިއަށްމިދާ ވޯލްޑްކަޕް ފެށުނު ދުވަސްކޮޅު ސޯޝަލް މީޑިއާގައި ވައިރަލްވި އާޖެންޓީނާ ލަވައާއި އިއްޔެ ވަރަށް ބޮޑަށް ވައިރަލްވެގެންދިޔަ ބަންގްލްދޭޝް ބްރެޒިލް ލަވަ ކިޔާފައިވާ ބަންގްލަދޭޝްގެ އާޓިސްޓޭ ބުނުމުން ކޮންމެވެސް ވަރަކަށް އެނގިދާނެއެވެ.

އޭނާގެ ނަމަކީ އަޝްރަފުލް ހޮސައިން އަލޮމް، ވަނަމުން ނަމަ ހީރޯ އަލޮމް އެވެ. އުމުރަކީ 37 އަހަރެވެ. ނިސްބަތްވަނީ ބަންގްލަދޭޝްގެ ބޯގްރާއަށެވެ.

ހީރޯ އަލޮމްގެ ވޯލްޑްކަޕް ލަވަތައް ވައިރަލްވަމުން އަންނައިރު ބަންގްލަދޭޝްގެ ފުލުހުން މި އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހު އޭނާ ހައްޔަރުކުރިއެވެ. ހައްޔަރުކުރީ ބަންގްލަދޭޝްގެ އިހު ޒަމާނުގެ ލަވަތައް ރާގަށް ނުފެތޭގޮތަށް ހުތުރުކޮށް އެލަވަތައް ކިޔާކަމަށް ބުނެއާއި އޭގެން ލަވައެއްގައި ފުލުހުންގެ ހުއްދަ ނުހޯދާ ފުލުހުންގެ ޔުނީފޯމެއް ބޭނުންކުރިކަމަށް ބުނެއެވެ.

ހައްޔަރުކުރުމަށްފަހު ފުލުހުން އޭނާ ދޫކޮށްލީ އަށް ގަޑިއިރު ފަހުންނެވެ. ދޫކޮށްލުމުން އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއެއްގައި ހީރޯ އަލޮމް ބުނެފައިވަނި އޭނާ ހައްޔަރުކޮށް ފުލުހުން ވަރަށް ފުރައްސާރަކުރިކަމަށާއި ލަވަ ނުކިޔުމަށްވެސް އަމުރުކުރިކަމަށެވެ. އޭނާއަށް ލިބިގެންވާ އިންސާނީ ހައްގަކަށް ފުލުހުން އަރައިގަތްކަމަށްވެސް ހީރޯ އަލޮމް ބުނެފައިވެއެވެ.

ހީރޯ އަލޮމް އަކީ މީގެ ކުރިންވެސް އެކި ގޮތްގޮތުން މަޝްހޫރުކަން ހޯދާފައިވާ ފަރާތެކެވެ. އޭގެ ތެރެއިން އެއް ކަމަކީ 2018 ވަނަ އަހަރުގެ އާއްމު އިންތިހާބުގައި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ އާއި ވާދަކުރިކަމެވެ. އެފަހަރު ހީރޯ އަލޮމަށް ލިބުނީ 600އެއްހާ ވޯޓެވެ.

https://www.youtube.com/watch?v=19yUhFSN4J4

މި ފަހުން ހީރޯ އަލޮމް ފެންނަ ފެނުމަށް ބަދަލުތަކެއްވެސް އައިސްފައިވެއެވެ، ކުރިން އޭނާއަކީ ވަރަށް ހިކިކޮށް ހުރި މީހެކެވެ. ހިކިކޮށް ހުރި އިރު އެކްޓްކޮށްފައިވާ ލަވަތައްވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވެއެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގެ ފޮލޯވާސް އަދަދުވެސް އުޅެނީ މިލިޔަނުން މަތީގައެވެ.

ވޯލްޑްކަޕާ ދިމާކޮށް ހީރޯ އަލޮމް މިހާތަނަށް ދެ ލަވައެއް ނެރެފައިވާއިރު އެންމެ ފަހުން ނެރުނު ބްރެޒިލް ލަވަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިލިޔަނުން ބަލާފައިވެއެވެ.

https://www.youtube.com/watch?v=ED0LNHJh8Z4

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް