ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ މުޖުތަމަޢު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމް.ޑީ.އޭ) އަށް އިންކްލޫސިވް ކޮމިއުނިޓީ އިވެންޓްތަކެއް ބާއްވަން އެއްބާރުލުންދީފިއެވެ.
ދިރާގުން ބުނީ މި އިވެންޓްތަށް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އއ. އުކުޅަހާއި ކ. ގުރައިދޫގައި ކަަމަށެވެ.
އެގޮތުން އުކުޅަހުގައި ބީ.ވީ.އައި.އެސް.އެމް އިން ހަރަކާތްތައް ހިންގާފައިވަނީ ދޭއް ޑިސެންބަރުގައެވެ.
އަދި އެރަށުގެ ރައްޔިތުންނަށާއި ރަށުގެ އިސްވެރިންނަށް އަމާޒުކޮށްގެންވަނީ ހޭލުންތެރިކުރުމުގެ ވޯކްޝޮޕަކާއި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ.
އެމް.ޑީ.އޭ ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫގައި، އެ ރަށުގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް (އެޗް.ޕީ.އެސް.އެން) ގެ ބައިވެރިވުމާއެކު ކަމަށް ދިރާގުން ހާމަކޮށްފައި ވެއެވެ.
އަދި އެމް.ޑީ.އޭ އާއި އެޗް.އެސް.ޕީ.އެންގެ އިތުރުން ގުރައިދޫ ކައުންސިލާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ވަނީ ހިންގާފައެވެ.
ދިރާގުން ބުނީ މި ހަރަކާތްތަކުގެ އިތުރުން ޚާއްސަ ކޮމިއުނިޓީ ފެސްޓިވަލެއްވެސް ވަނީ ބާއްވައިފައި ކަމަށާއި މި ހަރަކާތްތަކުގެ މަޤްސަދަކީ ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އެކި ފުރުޞަތުތަށް ފަހިކޮށްދީ އެކި ހަރަކާތްތަކުގައި އެފަރާތްތައް ޝާމިލުވުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެގޮތުން އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުން ކަމަށް ދިރާގުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް