ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ދެކުނު ކޮރެއާ އަތުން 4-1 އިން މޮޅުވެ، ބްރެޒިލުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގަތަރުގެ ސްޓޭޑިއަމް 974 ގައި ރޭ ކުޅުނު މެޗު ފެށިގެން އެންމެ ހަތް މިނެޓުގެ ތެރޭގައި ބްރެޒިލް އިން ވަނި ލަނޑުޖަހާ ލީޑު ނަގާފައެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ބްރެޒިލަށް ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އެެވެ. މިއީ ރަފީނިއާ ނެގި ހުރަހަކުން ވިނީޝިއުސް ޖެހި ލަނޑެކެވެ.
ބްރެޒިލުން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރީ މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ނޭމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ރިޗާލިސަން އަށް ކޮރެއާ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރިޗާލިސަންއެވެ. ބްރެޒިލްގެ ހަތަރުވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ޖަހައިދިނި ލޫކަސް ޕަކޭޓާ އެވެ.
ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބްރެޒިލުން ނިންމާލި އިރު، ދެވަނަ ހާފުގައި ކޮރެއާއިން ފެނުނެނީ ކުރީހާފަށް ވުރެ ކުޅުން ރަނގަޅު ކޮށެވެ. އެގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދެކުނު ކޮރެއާއަށް ލަނޑެއް ޖަހަ ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސޮން ހެއުން މިން އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މީގެ އިތުރުން ބްރެޒިލްގެ އޭރިއާގެތެރެއިން ދެކުނު ކޮރެއާގެ ހުވާން ހީޗާން ފޮނުވާލި ބާރު ހަމަލާއެއް ވެސް ކީޕަރު އެލިސަން ވަނީ ދިފާއު ކޮށްފައެވެ.
ކޮރެއާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ މެޗުގެ 76 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޕައި ސިން ހޯއެވެ.
ފަސޭހަކަމާއި އެކު ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް ދިޔައިރު، އެޓީމުން ކުއާޓާގައި ވާދަކުރަން ޖެހޭނީ ރޭ ޕެނަލްތީގައި ޖަޕާން ބަލިކޮށް ކުއަޓާއިން ޖާގަ ހޯދި ކްރޮއޭޝިއާއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް