ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމިޓީގެ މަރުހަލާގައި ފާސްކޮށްފިއެވެ.
އެ ބިލު ދިރާސާކުރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ކުރިއަށްންގޮސް ބިލު ކޮމިޓީ މަރުހަލާފައި ފާސްކޮށްފައިވާއިރު ބިލުގައިވާގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުކަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މި މަހުގެ 15 އިން ފެށިގެން މަނާވާނެއެވެ. އަދި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ޑިސެމްބަރު 15 އިން ފެށިގެން މަނާވާނެއެވެ.
އެ ބިލުގައިވާގޮތުން ގާނޫނަށް ގެނެވޭ އިސްލާހާއެކު އެފަދަ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށްފަހު އެފަދަ ބާވަތެއް އެތެރެކޮށްފިނަމަ 50 ހާސް ރުފިޔާއިން ޖޫރިމަނާކޮށް އަދި އެތެރެކުރާ ކޮންމެ އާލާތަކަށް ވަކިން 10 ހާސް ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ. ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށްފަހު ވިއްކައިފިނަމަ 20 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ވިއްކާ ކޮންމެ ބާވަތަކަށް ވަކި ވަކިން 10 ހާސް ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ހިލޭ ބަހައިފިނަމަވެސް 10 ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތގުރުން އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށްނަމަ ޖޫރިމަނާގެ އަދަދަކީ 50 ހާސް ރުފިޔާ ކަމުގައިވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު ފާސްވެ ގާނޫނަށް އިސްލާހު ގެނައުމުން މި މަހުގެ 15 އިން ފެށިގެން އެފަދަ ތަކެތި ރާއްޖެ އެތެރެކުރުން މަނާވެ އަދި އެފަދަ ތަކެތި ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމާއި ބެހުން ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މަނާވާނެއެވެ. އަދި މި ބިލު ތަސްދީގުވުމާއެކު އަންނާނެ އަނެއް ބޮޑު ބަދަލަކީ ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅިގެން ދިއުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް