ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރީގެ ބޭނުމަށް ހުޅުމާލެއިން ދޫކޮށްފައިވާ އެކި ބިންތަކަށް ކުލީގެ ގޮތުގައި ލިބެންވާ ފައިސާގެ ތަފްސީލު ހޯދުމަށް އެޗްޑީސީއަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގް އެވެ.
އަޒާން މި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އެޗްޑީސީއިން ކޮމާޝަލް ބޭނުންތަކަށް ދޫކޮށްފައިވާ ވަރަށް ބިންތައް ދޫކޮށްފައިވާ ފަރާތްތަކުން ކުލި ނުދައްކާ ކަމާއި އަދި އެކަމަށް އެއްވެސް ފިޔަވަޅެއްވެސް ނޭޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އަދި އެ ފައިސާ ރިކަވަރ ކުރަން އެޗްޑީސީއިން މަސައްކަތް ކުރާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.
އެހެންކަމުން އަޒާން ހުށަހެޅުއްވީ ކޮމާޝަލް ބޭނުމަށް ދޫކޮށްފައިވާ ބިންތަކުން ދައުލަތަށް ލިބެންވާ ފައިސާގެ ތަފްސީލު ހޯދުމަށް އެޗްޑީސީއަށް ހުށަހެޅުމަށެވެ. އަޒާންގެ ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކުރެއްވިއެވެ. އަޒާންގެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް