ޗެމްޕިއަންސް ލީގު: މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ބަލިވެއްޖެ

މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ އޭސީ މިލާން އަތުން 3-1 އިންނެވެ...

06 Nov 2024 | 02:35

މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ އޭސީ މިލާން އަތުން 3-1 އިންނެވެ. އަދި ރަށުންބޭރުގައި ސްޕޯޓިން ލިޒްބަން އަތުން މެންޗެސްޓާ ސިޓީ ބަލިވީ 4-1 އިންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. ރޭގެ މެޗުގެ 12 ވަަނަ މިނެޓްގައި މިލާންގެ މަލިކް ތިއޯ އެޓީމަށް ލީޑު ނަގައިދިންއިރު، ރެއާލަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ އެއްވަރުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނަށް އަލުން ލީޑު ނަގައިދިނީ ރެއާލަށް ކުރިން ކުޅުނު ސްޕެއިންގެ ފޯވާޑް އަލްވަރޯ މޮރާޓާ އެވެ. އަދި ދެވަނަ ހާފުގައި މިލާނަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ޓިޖާނީ ރައިންޑާސް އެވެ.

ސްޕޯޓިން ލިޒްބަންގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. ނަމަވެސް ސްޕޯޓިން އިން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން، ތިން ގޯލު ޖަހައި، ސްޕޯޓިންގެ ނުރައްކާތެރި ފޯވާޑް، ވިކްޓަ ގްޔޯކޭސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސްޕޯޓިންގެ އަނެއް ލަނޑު ޖެހީ، މެކްސިމިލިއާނޯ އަރައުހޯ އެެވެ.

މިއީ، ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް، ސިޓީގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން، ޗެމްޕިއަންސް ލީގުގައި ސްޕޯޓިން އަށް އިރުޝާދުދިން ފަހު މެޗުކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް