ހެނދުނުގެ ނާސްތާއަކީ ރޭގަނޑުގެ ނިންޏަށްފަހު އެންމެ ފުރަތަމަ ނަގާ މީލްއެވެ. މިއީ ގިނަ ވަގުތު ނުކައި ހުރުމަށްފަހު އެންމެ ފުރަތަމަ ކާކެއުމަށް ވުމުގެ ސަބަބުން ސިއްހީ ތަޖުރިބާކާރުން އަބަދުވެސް އިލްތިމާސްކުރަނީ ހެނދުނުގެ ނާސްތާގައި ސިއްހަތައް ފައިދާހުރި ކާނާ ބޭނުންކުރުމަށެވެ.
އެތަކެއް ދިރާސާތަކުން ދައްކާގޮތުގައި، ހެނދުނުގެ ނާސްތާ އެކަށީގެންވާ ހެޔޮ ވަޤުތެއްގައި ނެގުމުން ތިބާގެ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ގެނުވައިދޭނެއެވެ. ހަކަތަލިބުމާއި އެކު، ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވުން އެކަންޔެއްނޫނެވެ. ބަރުދަން ލުއިވުމަށް އެހިވެދީ، އެކަށީގެންވާ މިންވަރެއްގައި އެ ބަރުދަން ދެމެހެއްޓުމާއި، ހަކުރުބައްޔާއި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީވެދޭ އަދިވެސް ގިނަގުނަ ފައިދާތަކެއްވާ މުހިންމު ކަމެކެވެ. މިކަން މިހެން ހުރިއިރު، ހެނދުނުގެ ނާސްތާ ނުނަގައި ދޫކޮށްލަން ހެޔޮވާނެހެއްޔެވެ.
ހެނދުނުގެ ނާސްތާ ނެގުމަށް ބައެއް މީހުންނަށް އުނދަގޫވެއެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ ނުކައި ދޫކޮށްލާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ހެނދުނުގެ ނާސްތާއަކީ ނުކައި ދޫކޮށްލާވަރުގެ ކެއުމެއް ނޫންކަމަށެވެ. ސަބަބުތައްވެސް ގިނައެވެ. އެއީ ހެނދުނުގެ ނާސްތާގެ ސަބަބުން މީހާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭތީއެވެ.
އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނީ ހެނދުނުގެ ނާސްތާ ދޫކޮށްލަން ހެޔޮ ނުވާނެ ކަމަށެވެ. އޭގައި ބުނީ ހެނދުނުގެ ނާސްތާ ނުނަގާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވުން ގާތް ކަމަށެވެ. އެގޮތުން ހެނދުނުގެ ނާސްތާ ގަވައިދުން ނުނަގާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަކިން ބޮޑުވާ ކަމަށް ބުންޏެވެ.
މި ދިރާސާގައި މީހާގެ ޖިންސާއި އުމުރާއި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އާއި ޑައިޓާއި ލައިފް ސްޓައިލާއި މާލީ ހާލަތާއި މީހާގެ ސިއްހީ ދުޅަހެޔޮކަމުގެ މިންވަރަށް ބިނާކޮށް ބުނީ އެއްގޮތަކަށް ވެސް ހެނދުނުގެ ނާސްތާ ނުނަގާ މީހުންނަކީ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 87 ޕަސަންޓަށް އޮތް މީހުން ކަމަށެވެ.
ވިސްނާލަން މުހިންމު އެއްކަމަކީ، ހެނދުނުގެ ނާސްތާ ވީހާވެސަ ނިއުޓްރީޝަންސް ގިނަ ބެލެންސްޑް ކެއުމެއް ކެއުމަށް ސަމާލުވާން ވާނެކެމެވެ. ޕްރޮޓީންސް ހިމެނޭ އެއްޗިހި ކެއުމަށް އަހަންމިއްޔަތު ދީ، މޭވާއެއްވެސް އެކުލެވޭތޯ ބަލަން ވާނެއެވެ. ދުވަހުގެ އެންމެ މުހިންމު ކެއުން ކަމުގައިވާތީ، މިކަމަށް އިތުރަށް ފަރުވާތެރިވަމާތޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް