ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ޓެކްސް ބޮޑުކުރަން ފާސްކުރި ބިލްތައް ރައީސް ތަސްދީގު ކުރައްވައިފި

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނުތަކަށް ގެނައި އިސްލާޙުގެ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސ...

05 Nov 2024 | 23:48

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނުތަކަށް ގެނައި އިސްލާޙުގެ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ބޭއްވި 44 ވަނަ ޖަލްސާގައެވެ.

މި ބިލުގައި، ފަތުރުވެރިިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ރޭޓަށް ވަނީ ބަދަލުގެންނަވާފައެވެ. އެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ މުދަލާއި ޚިދުމަތްތަކުންމިހާރު،  ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ނަގަމުން އަންނަ %16 ގެ ޓެކްސް ރޭޓް ވަނީ  އަންނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން %17 އަށް ބޮޑުކޮށްފައެވެ.

ފާސްކުރި ބިލަށް ބަލާއިރު،  ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތައް، ޓޫރިޒަމް މުދަލެއް ނުވަތަ ޚިދުމަތެއްގެ ގޮތުގައި ޝަރުޠު ހަމަވާ ޚިދުމަތްތަކުގެ ތެރެއިން ވަނީ އިސްތިސްނާކޮށްފައެވެ. މި އިޞްލާޙުގެ ދަށުން، މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތައްވެސް ހިމެނެއެވެ.

ޓީޖީއެސްޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގްރީން ޓެކްސް ބޮޑުކުރުމަށް އިސްލާހު ހުށަހެޅި ބިލްވެސް ތަސްދީގް ކުރައްވާފައެވެ. މި ބިލް ތަސްދީގް ކުރުމާ ގުޅިގެން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެއެވެ.

އެއާޕޯޓް ޓެކްސްއަށް ގެނައި އިސްލާހަށް ބަލާއިރު، އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާޕޯޓު ފީ ބޮޑު ކުރާ ގޮތަށް ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ ތެރެއިން އިކޮނޮމީ ކުލާހުން ފުރާ ކޮންމެ ބިދޭސީންގެ އަތުން ނަގާ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ.

ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ، ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ. އަދި އަމިއްލަ ޖެޓްތަކުގައި އަންނަ މީހުންގެ އަތުން ވަނީ 120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނެގުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް