އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުން އަދަދު 10،000 އިން މައްޗަށް

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ އަދަދު 10 ހާހުން މައްޗަށް ގޮސްފިއެވެ. މިކަން ހާމަކޮށް ފަލަސްތީނުގ...

06 Nov 2023 | 15:27

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ އަދަދު 10 ހާހުން މައްޗަށް ގޮސްފިއެވެ.

މިކަން ހާމަކޮށް ފަލަސްތީނުގެ ޞިއްޚަތާއިބެހޭ ވުޒާރާއިން ބުނެފައިވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީން ޝަހީދުވި އަދަދު މިއަދު 10،165 އަށް އަރާފައިވާކަމަށާއި ޒަޚަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 27 ހާހުން މަތީގައި ކަމަށެވެ.

އެގޮތުން ޣައްޒާއިން އެކަނި 10،010 މީހަކު ޝަހީދުވެފައިވާއިރު ހުޅަނގު އައްސޭރިން ޝަހީދުވެފައިވާ މީހުންގެ އަދަދު 155 އަށް އަރާފައިވާކަމަށް ބުނެފައިވެއެވެ.

އެ ވުޒާރާއިން މިއަދު ބުނެފައިވާހޮތުގައި އެ އަދަދުން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

މީގެ އިތުރުން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ގެއްލިފައި މީހުންގެ އަދަދު 117،000 އިން މައްޗަށް ގޮސްފައިވާކަމަށްވެސް އެ ވުޒާރާއިން މިއަދު ބުނެފައިވެއެވެ.

އިސްރާއީލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޣައްޒާއަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށީ ހަމާސް އިން އެދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހުގައެވެ. އިސްރާއީލުން ބުނަމުން އަންނަނީ ހަނގުރާމަ އިއުލާނުކޮށް ހަނގުރާމަ ހިންގަމުންދަނީ ހަމާސް ޖަމާއަތް ޣައްޒާއިން ނައްތާލުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ހަމަލާތައް ދިނުމުގައި ސްކޫލެއް، ހޮސްޕިޓަލެއް އާއްމު ގެދޮރެއް އަދި ރެފިއުޖީ ކޭމްޕެއް ނުބަލާ އިސްރާއީލުން ގެންދަނީ ހަމަލާތައް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް