ފައިސާ ދައްކަންޖެހޭ މީހުންގެ އަނބިންނާއި ފިރިންނާއި ދަރިންނަށް ހިދުމަތް ނުދޭން ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފިއެވެ.
ފެލިދޫ ކައުންސިލުން މިދިޔަ ހަފްތާގައި ބުނެފައިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ، އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދޭން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ކުށްވެރިކޮށް އެޗްއާރްސީއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައި މިއަދު ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނުނުއަސާސީއާ ތައާރުޒުނުވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ދިމިކްރާތީ މުޖްތަމައުއެއްގައި މިފަދަ ހައްގެ ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް ބަޔާންކޮށްފައިވާއިރު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައިނުވާކަމަށާއި އަދި އެހެން އެއްވެސް ގާނޫނެއްގެ ދަށުންވެސް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ހާލަތެއްވެސް ބަޔާންކޮށްފައިނުވާކަމަށެވެ.
"އެހެންކަމުން ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ފެލިދޫ ކައުންސިލަށް ގާނޫނީ ހަމަތަކުގެ މަތުން ލިބިފައިވާ ބާރެއް ނޫންކަމުގައި ދަންނަވަން" އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލްގެ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމާފައިވާ ނިންމެވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމުގައިވާތީ، ފެލިދޫ ކައުންސިލްގެ އެ އިއުލާނުގައި ބަޔާންކޮށްފައިވާ ނިންމުން ބާތިލުކުރުމަށް އަންގާފައިވާނެކަމަށްވެސް އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދި ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯއްދަވަންވާނީ ގާނޫނީ އިމުގެ ތެރެއިންކަމުގައި ދަންނަވާފައިވާނެކަމަށާއި ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ، ރައްޔިތުންނަށް އަސާސީ އަދި އާންމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާތަކަށްވާއިރު، ކައުންސިލްތަކުގެ ނިންމެވުންތައް ވާންވާނީ މި މަގްސަދު ހާސިލްވާނެ ގޮތަށް ނިންމަވާ ނިންމެވުންތަކަށް ކަމުގައި އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހުރިހާ ކައުންސިލްތަކުންވެސް އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާ އަދި ކައުންސިލްތަކުން ނިންމަވާ ކަންކަމަކީ ގާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމަވާ ނިންމެވުންތަކެއްކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް