އިޒްރޭލުން ރޭގައި ދިން ޑްރޯން ހަމަލާއެއްގައި ލުބުނާނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކު ދުނިޔެ ދޫކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހަމަލާގައި ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 10 އަހަރު، 12 އަހަރު އަދި 14 އަހަރުގެ ތިން އަންހެން ކުދިންނާއި އެ ކުދިންގެ މާމައެވެ.
އިޒްރޭލުގެ ޑްރޯން ހަމަލާ އަމާޒުވީ ދެކުނު ލުބުނާނުގެ އައިނަތާ އަދި އައިތަރޫން، ދެ އަވަށް ދެމެދުން ދުއްވާފައިދިޔަ ކާރު ތަކަކަށެވެ. އެ ކާރުތައް ނިސްބަތްވަނީ ދުނިޔެ ދޫކުރި މެންބަރުންގެ އާއިލާތަކަށް ކަމަށާއި އެ ހަމަލާގައި ދުނިޔެ ދޫކުރި އަންހެން ކުދިންގެ މަންމައާއި އަދި އެ އާއިލާގެ ބައެއް އެހެން މީހުންނަށް އަނިޔާތައް ލިބިފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ލުބުނާނުގެ ހަނގުރާމަވެރިން ބުނެފައިވަނީ އެކަމުގެ ބަދަލު އިސްރާއީލް ކުރެން ހިފާނެ ކަމަށެވެ.
އިސްރާއީލުން މި ދިޔަ މަހުގެ ހަތްވަނަ ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއެކު ލުބުނާނު ފަޅިންވެސް އިސްރާއީލަށް ހަމަލާތައް ދިޔައީ ދެމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އިސްރާއީލާއި ލުބުނާނާއި ދެމެދު ހަމަލާތައް ބަދަލުކުރަމުންގޮސްފައިވެއެވެ.
މި ހަމަލާއާއި ގުޅޭގޮތުން އިސްރާއީލުން ބުނެފައިވަނީ އެ ހަމަލާ އަމާޒުކުރީ އިންޓެލިޖެންސަށް ބިނާކޮށް ކަމަށާއި އަދިވެސް ލުބުނާނަށް ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށެވެ.
އިސްރާއީލުން ލުބުނާނުގެ އާންމުންގެ ބައެއްގެ ފުރާނަ ރޭގައި ދުއްވާލާފައިވާއިރު އިސްރާއީލުން ރޭގައިވެސް ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން ގޮސްފައިވެއެވެ.
އިސްރާއީލުން ހަނގުރާމަ އިއުލާނުކޮށް ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ މިއަދަށް 31 ދުވަސް ފުރޭއިރު އިޒްރޭލުގެ މި ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 9,770 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް