އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އިން އިސްނަގައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ދިނުން މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
"އިންޑިއާ އައުޓް" ހަރަކާތުގައި އިދިކޮޅު ފަރާތްތަކުން ގޭގޭގައި ޖެހި ބެނާތަކާއި، ޕޯސްޓަރުތައް ފަދަ ތަކެތި ނެގުމަށް މިއަހަރުގެ އޭޕްރިލް މަހު ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ވަކިވަކި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ފުލުހުންނަށް އެންގީ، އަމިއްލަ ފަރާތަކުން އެދުމުންނެވެ.
ނަމަވެސް ފުލުހުންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އިސްތިއުނާފު މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް ޢަމަލު ކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ.
ފެލުހުންގެ އެދުމާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، އެ އެންގުމަށް އަމަލުކުރުން ފަސްނުކޮށްފި ނަމަ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭތީ އެ އެންގުމަށް އަމަލުކުރުން ފަސްކުރަން އެ ކޯޓުން އަންގާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް