މާލޭގައި އަރަބި ތައުލީމް ފޯރުކޮށްދިނުމަށް ހާއްސަ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ބަދަލު ކުރުމުން ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާއިރު ޕްރިންސިޕަލް ބަދަލު ކުރީ އެ ސްކޫލްގައި އެކަނި ނޫންކަން އެނގިއްޖެ އެވެ.
އާންމުކޮށް ސަރުކާރު ސްކޫލްތަކުގައި ޕްރިންސިޕަލުން ބަދަލު ކުރާކަން ފާހަގަވަނީ ވަކި ސްކޫލެއްގައި މައްސަލައެއް ދިމާވެ އެކަން މީޑިއާއަށް ތިލަވުމުންނެވެ. މީގެ ކުރިންވެސް އެފަދަ ބައެއް ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.
އެކަމަކު މިއަދު އަރަބިއްޔާ ސްކޫލްގެ ޕްރިންސިލަޕް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މަގާމުން ވަކިކޮށް އެހެން ވަޒީފާއަކަށް ހަމަޖެއްސި އިރު މިއަހަރުގެ އޮގަސްޓު މަހު އާ ދިރާސީ އަހަރު ފެށުނީންސުރެ މިނިސްޓްރީން ދަނީ މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރަމުންނެވެ.
ތަރައްގީ މި ޒަމާނުގައި ސްކޫލްތަކުގައި ހިންގާ ހުރިހާ ހަރަކާތްތަކާއި ސްކޫލް މެނޭޖްމެންޓަށް ގެންނަމުންދާ ބަދަލުތައް ސޯޝަލް މީޑިއާގައި އެ ސްކޫލްތަކުގެ ރަސްމީ ޕޭޖުތަކުގައި ދަނީ ހިއްސާ ކުރަމުންނެވެ. އެގޮތުން ބައެއް ސްކޫލްތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އެ ސްކޫލްތަކުގެ ޕްރިންސިޕަލުން އެހެން ސްކޫލްތަކަށް ބަދަލުވިކަން ފާހަގަ ކުރަމުންނެވެ. އޭގެ ތެރެއިން އެއް ސްކޫލަކީ ގާޒީ ސްކޫލެވެ.
ގާޒީ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވަނީ ހުޅުމާލޭގައި ސަރުކާރުން ހިންގާ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކޮށްފައި އެވެ. ދިރާސީ އާ އަހަރު ފެށުނު އިރު ގާސިމް ޕްރީ ސްކޫލް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ފާތިމަތު ލީނާ އެވެ.
އެކަމަކު އޭނާ ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް ކަމަށް ބަދަލުކޮށްފައި އެވެ.
މިއީ ސަރުކާރުގެ ތިން ސްކޫލެއްގެ ހިންގުމަށް އެޑިއުކޭޝަނުން ގެނައި ބަދަލުތަކެވެ. މީގެ އިތުރުން އެހެން ސްކޫލްތަކެއްގައިވެސް ޕްރިންސިޕަލުން ބަދަލުކޮށްފައި ހުރެދާނެ އެވެ.
ފަހަރުގައި އަރަބިއްޔާ ސްކޫލް ޕްރިންސިޕަލް މަގާމުން ވަކިކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމާއި މިހާރުވެސް ސްކޫލެއް ހިންގަވަމުން އަންނަ ޕްރިންސިޕަލަކަށް އެ ސްކޫލް ހިންގަން ހަވާލު ކުރުމަކީ އެހެން ސްކޫލްތަކުގައި އެ އަމަލު ކުރި ގޮތާއި ތަފާތުވާގޮތަށް ވެދާނެ އެވެ. އަދި ބެލެނިވެރިންގެ މެދުގައި މިނިސްޓްރީގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހި، ޝައްކު އުފެދެން ޖެހުނު މައިގަނޑު ސަބަބަށް ވެދާނެ އެވެ.
އަރަބިއްޔާގެ ބެލެނިވެރިން ގުޅިގެން އުފައްދާފައިވާ “ސޭވް އަރަބިއްޔާ” އިން ބުނީ ޝުޖާއު މަގާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށް ގެންދާ “ސޭވް އަރަބިއްޔާ” ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ ކަމަށެވެ. އަދި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާގެ ޕްރިންސިޕަލް ބަދަލު ކުރީ އެ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުގައި ކަމަށެވެ. ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މި މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުންޏެވެ.
ޝުޖާއުގެ ބަދަލުގައި އަރަބިއްޔާ ހިންގުމައި މާދަމާއިން ފެށިގެން ހަވާލުވެވަޑައިގެންނަވާނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދު ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް