ޗާގޯސް މައްސަލައިގައި އިނގިރޭސިންގެ ވިސްނުން ބަދަލުކުރުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަތެއް ވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު އައްޑޫ ސިޓީގައި ކެމްޕެއިނު ކުރެއްވުމަށް ވަޑައިގެން، ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ޗާގޯސް ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަން ބަލައިގަންނަން އިނގިރޭސިން މަޝްވަރާތަކަށް ތައްޔާރުވޫ މިނިސްޓަރ ޝާހިދު ދެއްވި ޔަގީންކަމަކާ ގުޅިގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އައްޑޫސިޓީ ފޭދޫގައި ހުންނަވައި ރައީސް ޔާމީން ވިދާޅުވީ އިނގިރޭސިންގެ ވިސްނުން ބަދަލުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީގެ 'އަނެއް ފަރާތުގައި' ހުރި ވާހަކައެއް ކަށަވަރު ވެގެން ކަމަށެވެ. އެ ޔަގީންކަން ދިނީ އޭގެ ތިން ދުވަސް ކުރިން އިނގިރޭސިވިލާތުގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަމަށް ވެސް އިދިކޮޅު ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
"އެ ސިޓީގައި ހުރި ވާހަކައެއް އިނގިރޭސިންނަށް ކަށަވަރު ވެގެން، ތަންފީޒުކޮށްދިނުމަށް ޓަކައި، އަބްދުﷲ ޝާހިދު ގޮސް ހުރީ. އަބްދުﷲ ޝާހިދު އެތާ އުޅެނިކޮށް އެކަން ނިންމާފައި، އިނގިރޭސިން މި ގަބޫލުކުރީ ފޯޅަވަހީގެ ސޮވަރިނިޓީ މޮރިޝަސްއަށް ދިނުމާ ބެހޭ ގޮތުން އެ މީހުން އެއްބަސްވީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެ ވިދާޅުވި ދުވަސްތަކުގައި މިނިސްޓަރ ޝާހިދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިނިސްޓަރ ޝާހިދު، އިނގިރޭސި ފޮރިން ސެކެޓްރީ ޖޭމްސް ކްލެވަލީއާ ބައްދަލުކޮށް މަޝްވަރާ ކުރެއްވީ މިހާރު ވެސް ދެ ގައުމުން އެކުގައި މަސައްކަތް ކުރަމުންދާ ކަންކަމާއި ދިވެހި މަހަށް ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް