އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކުރުމުން ބެލެނިވެރިން މުޒާހަރާއަށް ނުކުމެއްޖެ އެވެ.
މި މުޒާހަރާ ކުރަމުން ދަނީ އެ ސްކޫލް ހިންގާ އިމާރާތް ކައިރީގައި އެވެ. އެތަނަށް ގާތްގަނޑަކަށް30 އަށްވުރެ ގިނަ ބެލެނިވެރިން އެއްވެ ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
އެމީހުން މުޒާހަރާގައި ގެންގުޅެމުންދާ ކަރުދާސްތަކުގައި ވަނީ ޕްރިންސިޕަލްގެ ދިފާއުގައި ތިބި ކަމަށް ބުނެފައި އެވެ.
އަރަބިއްޔާގެ ބެލެނިވެރިން ގުޅިގެން އުފައްދާފައިވާ އަދި މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުންދާ “ސޭވް އަރަބިއްޔާ” އިން ކުރި ޓްވީޓެއްގައި ބުނީ ޝުޖާއު މަގާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށް ގެންދާ “ސޭވް އަރަބިއްޔާ” ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ ކަމަށެވެ. އަދި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުން ޝުޖާއު ވަކި ކުރުމަށް ފަހު އޭނާ ބަދަލުކޮށްފައިވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އަދި އަރަބިއްޔާ ސްކޫލްގެ ހިންގުން ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދާއި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލަކީ ޢަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މި މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް