ޒަކާތު ނަފާ ޕްރޮގްރާމުން ފަގީރު އާއިލާއަކަށް 150،000 ރުފިޔާ ހަރަދު ކުރަން ނިންމައިފި

ޒަކާތު ފަންޑުން އާއިލާއަކަށް ގިނަވެގެން 150،000 ރުފިޔާ ހަރަދު ކުރެވޭ ގޮތަށް، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ. "ޒަކާތު ނަފާ" އަކީ ޒަކާތު ފަންޑު މެދުވެރިކޮށް، ފަގީ...

06 Nov 2022 | 11:30

ޒަކާތު ފަންޑުން އާއިލާއަކަށް ގިނަވެގެން 150،000 ރުފިޔާ ހަރަދު ކުރެވޭ ގޮތަށް، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

"ޒަކާތު ނަފާ" އަކީ ޒަކާތު ފަންޑު މެދުވެރިކޮށް، ފަގީރުންނަށް މާލީ އެހީތެރިކަން ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި އަހަރުގެ ފެބްރުއަރީ 28 ގައި ޕްރޮގްރާމް ފެށީ، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކުރާ ގޮތަށެވެ.

މިއަދު އާންމު ކުރި އުސޫލުގައިވާގޮތުން  އެ ފްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ހަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000 ރުފިޔާގެ އަދަދަށް ކަމަށެވެ. އެ އަދަދުގެ އިތުރުން، އެސްއެމްއީ ފަންޑު މެދުވެރިކޮށް، އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި ވަރެއްގެ އެހީގެ ގޮތުގައި ހަމަޖައްސައި ދެވިދާނެ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީދެވެނީ ގެދޮރުގެ ނަފާ، ޕޯލްޓްރީ ފާމިން، ހައިޑްރޯޕޯނިކް ދަނޑުވެރިކަން، ފަރުމަސްވެރިކަން އަދި ފެހުމާއި ޓްރެއިނިން / އޮން ދަ ޖޮބް ޓްރެއިނިން / އެޕްރެންޓިސްޝިޕްއަށެވެ. އެ ދާއިރާތަކުގެ އިތުރުން، ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު، ސްޓިއަރިން ކޮމިޓީ އަށް ލިބިގެންވާ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ. އެހީ ދޭ ދާއިރާތަކަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރިތަކެއް ކަމުގައި ވާން ޖެހެ އެވެ.

ޒަކާތު ނަފާ ޕްރޮގްރާމް މެނޭޖްކޮށް ތަންފީޒުކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ. އުސޫލުގައިވާ ގޮތުން ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލަންޖެހެ އެވެ.

މިއަދު އާންމު ކުރި އެ ކޮމިޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީގެ ތިން މެމްބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ ދެ މެންބަރުންގެ އިތުރުން މޯލްޑިވްސް ފަންޑް މެޖޭންމަންޓް ކޯޕަރޭޝަންގެ މެންބަރަކާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ މެންބަރެެކެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމްގެ މަގުސަދަކީ ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުން އަމިއްލަ އަށް މަސައްކަތް ކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީ ދިނުމެވެ. އަމިއްލަ އަށް މަސައްކަތް ކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާ އެކު އިގުތިސާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށް ވެސް ބުންޏެވެ.

މި އެހީ ބޭނުން ކުރާ މީހުންނަކީ އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ވާން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް