ބްރެޒިލްއަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. އަދި ފީފާ ވޯލްޑް ކަޕްގެ ހުރިހާ މުބާރާތަކަށް ކޮލިފައިވުމުގެ ޝަރަފުއޮތް ހަމައެކަނި ގައުމު ވެސް މެއެވެ.
ބައްރު: ދެކުނު އެމެރިކާ
ފީފާ ރޭންކިން: 1
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 21 (ހުރިހާ ވޯލްޑް ކަޕަކަށް ވެސް ކޮލިފައިވި)
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން 1958، 1962، 1970، 1994، 2002، ރަނަރސް-އަޕް 1950، 1998
ކޯޗު
ނަން: އަޑޭނޯ ލިއެނާޑޯ ބަޗީ (އާންމު ނަން: ޓީޓޭ)
ގައުމު: ބްރެޒިލް
އުމުރު: 61 އަހަރު
އުފަންތާރީޚް: 25 މެއި 1961
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު
އަނިޔާގެ ސަބަބުން ކެރިއަރުގެ ކުރީކޮޅުގައި ކުޅުން ހުއްޓާލަންޖެހުނު ޓީޓޭ ކޯޗިންގ ކެރިއަރު ފެށީ، އޭނާ އެ ކްލަބަކާއެކު އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ގުރާނީ އިންނެވެ. އޭގެ ފަހުން ތަފާތު ގިނަ ކްލަބްތަކަކަށް އިރުޝާދު ދިނުމަށްފަހު، ޓީޓޭ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ކޯޗެއްގެ ގޮތުގައި ކްލަބް ކެރިއަރުގައި ޓީޓޭ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2012 ވަނަ އަހަރު ކޮރިންތިއަން އާއެކު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލުމެވެ.
ކޮޕާ އެމެރިކާގައި ބްރެޒިލްއަށް ލިބުނު ދަށް ނަތީޖާތަކަށްފަހު ކޯޗު ޑުންގާ މަގާމުން ވަކިކޮށް، ޓީޓޭ ކޯޗަކަށް ހަމަޖެއްސުމަށްފަހު ފާއިތުވި 6 އަހަރުގައި ބްރެޒިލްގެ ޖުމްލަ ނަތީޖާތައް ރަނގަޅެވެ. ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިން ފެށިއިރު، ޖެހިޖެހިގެން 7 މޮޅާއެކު އެ ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމުގެ ޝަރަފު ބްރެޒިލް ހޯދިއެވެ. އެހެނަސް ވޯލްޑް ކަޕްގައި ބްރެޒިލްއަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ. އެ އަހަރުގެ ވޯލްޑް ކަޕަށްފަހު ބްރެޒިލް އިން ޓީޓޭގެ ކޮންޓްރެކްޓް އާކުރިއިރު، އޭނާގެ މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ވޯލްޑް ކަޕް ނިމުމުންނެވެ. އެއަށްފަހު އޭނާ މަގާމުން ވަކިވާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލްއިން 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ތަށި ހޯދާފައިވާއިރު، އޭނާގެ އެންމެ ބޮޑު އުންމީދަކަށްވާނީ، މަޤާމުން ވަކިވުމުގެ ކުރިން ވޯލްޑް ކަޕްގެ ތަށި އުފުލާލުމެވެ.
މުހިންމު ކުޅުންތެރިން:
ނޭމާ ޖޫނިއަރ
މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ޓީމުގެ އެންމެ މުހިންމު ތަރިއަކަށް ވާނީ އެ ޓީމުގެ ވިންގަރ ނޭމާ ޖޫނިއަރ އެވެ. އުމުރުން މިހާރު 30 އަހަރުގެ ނޭމާ ވަނީ މި ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕަށް ވެދާނެކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. ނޭމާ ފުޓްބޯޅަ ކެރިއަރު ފެށީ ބްރެޒިލްގެ ސަންތޯސް އިންނެވެ. 2013 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއާ ގުޅި 4 ސީޒަންގައި ވަރަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު، ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންފަރގެ ރެކޯޑާއެކު 2017 ވަނަ އަހަރު ބަދަލުވީ ޕީއެސްޖީ އަށެވެ. ޕީއެސްޖީއާއެކު ފުރަތަމަ ދެތިން ސީޒަން އަނިޔާގެ ސަބަބުން ދަށްކޮށް ދިޔަނަމަވެސް، މި ސީޒަންގައި ޕީއެސްޖީގެ އެންމެ މޮޅު އެއް ކުޅުންތެރިޔަކީ އޭނާއެވެ. މި ސީޒަންގެ މިހާތަނަށް އޭނާ ވަނީ ޕީއެސްޖީއަށް ކުޅެދިން 12 މެޗުން 10 ލަނޑު ޖަހައި، 8 އެސިސްޓް ހަދާފައެވެ. ނޭމާއަށް ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރުގައެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 121 މެޗު ކުޅެދީފައިވާއިރު، 75 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ އޯލް ޓައިމް ޓޮޕް ސްކޯރަރގެ ރެކޯޑާ ހަމަކުރަން އޭނާއަށް ދެން ބޭނުން ވަނީ އެންމެ 2 ލަނޑެވެ.
ތިއާގޯ ސިލްވާ
ފާއިތުވި 2 ވޯލްޑް ކަޕްގައި ވެސް ބްރެޒިލް ސްކޮޑްގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، މި ފަހަރުގެ މުބާރާތަށް ޓީޓޭ ނަގާނެ ހަމައެކަނި 2 ކުޅުންތެރިންނަކީ ނޭމާ އަދި ތިއާގޯ ސިލްވާ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އުމުރުން 37 އަހަރުގެ ތިއާގޯ ސިލްވާ އަކީ މިހާރު ވެސް ދުނިޔޭގެ އެންމެ މޮޅު ސެންޓަރ ބެކުންގެ ތެރޭގައި ގުނާލެވޭ ޑިފެންޑަރެކެވެ.
ގިނަ ސީޒަންތަކެއް ވާންދެން ޕީއެސްޖީއަށް ކުޅުމަށްފަހު 2020 ވަނަ އަހަރު ޗެލްސީއަށް ބަދަލުވި ތިއާގޯ ސިލްވާއަކީ މިހާރު ވެސް އެ ކްލަބްގެ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. މި ސީޒަންގައި ޗެލްސީއަށް 10 މެޗު ކުޅެދީ 2 އެސިސްޓް ވެސް އޭނާ ވަނީ ހަދާފައެވެ. އެހެންކަމުން، މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމަށް 109 މެޗު ކުޅެދީފައިވާ ތިއާގޯ ސިލްވާ ވާނީ ބްރެޒިލްއިން 2002 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ތަށި އުފުލާލުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު އެއް ދިފާއީ ބާރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް