މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރަންސް، ކޮޕް 27 ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އަވަށްޓެރި ޝްރީލަންކާ ތަމްސީލު ކުރައްވަން މިސްރަށް ވަޑައިގަތުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ރައީސް ނަޝީދު ވަޑައިގަތުމަކީ، ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، އަދި ސުލޫކީ މިންގަނޑުތަކާ ވެސް ޚިލާފު އަމަލެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއިންވެސް ބައިވެރިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި، އެހެން ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް" އެމް.އާރް.އެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުމުވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ އެމީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިންބާރު ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުޙައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުން އެމްއާރްއެމް އިން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް