ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް އަށާއި އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރަށް މިއަދު އަންހެން ދަރިއަކު ލިބިއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އާލިއާ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ސަރ އެޗްއެން ރިލައެންސް ފައުންޑޭޝަން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ. އަދި އެޑްމިޓު ކުރިތާ މާގިނައިރު ތަކެއް ނުވެ އާލިއާ އަންހެން ދަރިއަކު ވިހެއި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިއަހަރުގެ އޭޕްރިލް މަހު ކައިވެނި ކުރި އާލިއާއާއި ރަންބީރަށް ފުރަތަމަ ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރީ ޖޫން މަހުގައެވެ. އަދި ދާދި ފަހުން އެމީހުން ވަނީ އާލިއާގެ ބޭބީ ޝަވަރ ވެސް ބާއްވާފައެވެ.
ކައިވެނި ކުރިތާ މާގިނަ ދުވަސްތަކެއް ނުވެ އާލިއާ މާބަނޑުކަން އިއުލާނު ކުރުމުން ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި އެދެމީހުން ކައިވެނި ކުރި އިރުވެސް އާލިއާ ބަނޑުބޮޑު ކަމަށް ގިނަ ބަޔަކު ޝައްކު ކުރެއެވެ.
އާލިއާއާއި ރަންބީރް ކައިވެނި ކުރީ ވެސް ކުޑަ ޚަފްލާއެއްގައެވެ. އެމީހުންގެ އާއިލާއާއި ގާތް އެކުވެރިންނަށް ދައުވަތު ދީ، ކައިވެނި ކުރީ އެދެމީހުން ވާސްތޫގައި ދިރިއުޅޭ އެޕާޓްމަންޓުގައެވެ.
ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެއް ކަމަށްވާ އާލިއާއާއި ރަންބީރު އެކުގައި އެންމެ ފަހުން ފެނިފައިވަނީ އަޔާން މުކަރްޖީގެ "ބްރަހްމާސްތުރަ" އިންނެވެ. މި ފިލްމު ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމަކަށް ވެސް ވެގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް