އަވައްޓެރި އިންޑިއާގައި އެންމެ ފުރަތަމަ ވޯޓުލީ މީހާ ކަމަށްވާ ޝްޔަމް ސަރަން ނެގީ އުމުރުން 105 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާއަކީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ ކަލްޕާ ކިޔާ އަވަށަކަށް ނިސްބަތްވާ މީހެކެވެ. ޝްޔަމް މަރުވީ މުސްކުޅި ބަލީގައި އެވެ.
އޭނާ މަރުވުމުގެ ތިން ދުވަސް ކުރިންވެސް އިންތިހާބެއްގައި ވޯޓު ލާފައިވެ އެވެ. އެއީ ހިމާޗަލް ޕްރަދޭޝްގެ އާންމު އިންތިހާބުގައި އެވެ. އެ ދުވަހު އޭނާ ވޯޓުލާން ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކޮށްގެން ރަތް ދޫލައިގަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝްޔަމްއަށް އެންމެ ފުރަތަމަ ވޯޓުލުމުގެ ޝަރަފު ލިބުނީ ތަފާތު ގޮތަކަށެވެ. އިންޑިއާގައި އެންމެ ފުރަތަމަ އިންތިހާބެއް ބޭއްވީ އިނގިރޭސީިންގެ އަތުން މިނިވަންވުމުން 1953 ވަނަ އަހަރު އެވެ.
އެކަމަކު އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ އަބަދުވެސް ފިނި، ހިމާޗަލް ޕްރަދޭޝްއަށް ބޯކޮށް ސްނޯ ފައިބާ ދުވަސް ވަރަކަށް ވާތީ އެ ސްޓޭޓްގައި އޭގެ ފަސް މަސް ކުރިން 1952 ވަނަ އަހަރު އެ އިންތިހާބުގެ ވޯޓުލުން ބޭއްވުމުން އޭނާއަށް އެ ފުރުސަތު ފަހިވީ އެވެ.
އޭނާ އަކީ ރިޓަޔާޑް ޓީޗަރެކެވެ.
މަރުވުމާއި ހަމައަށްވެސް އޭނާ ދިޔައީ ވޯޓުލުމަށް ބާރު އަޅައި، ޑިމޮކްރަސީގައި ވޯޓުގެ މުހިންމުކަން ބުނެދީ ހޭލުންތެރިކަން ކުރުވަން މަސައްކަތް ކުރަމުންނެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އޭނާ ޝްޔަމް އަކީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ބްރޭންޑް އެމްބެސެޑަރެވެ.
އޭނާ މަރުވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ޝްޔަމްގެ ޖަނާޒާ ބާއްވާނީ ސްޓޭޓް ފެންވަރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް