ގަލްފުގެ މުސްލިމް ގައުމުތައް ފަދައިން ދީނީ ދޫދިނުންތަކަށް ރާއްޖެއިންވެސް ފުރުސަތު ދޭން ޖެހޭ: އިންޑިއާ މީޑިއާ

ގަލްފުގެ މުސްލިމް ގައުމުތަކުން ތަރައްގީއަށް ފުރުސަތު ދިނުމާއި އަދުގެ ދުނިޔެއާއި ފައިހަމަކުރުމަށް ދީނީ ދޫދިނުންތަކުގައި ރާއްޖެއިންވެސް ފުރުސަތުތަކެއް ދޭންޖެހޭކަމުގައި އިންޑީއާގެ މީޑިއާތަކަކުން ބުނެފިއެ...

06 Nov 2022 | 00:25

ގަލްފުގެ މުސްލިމް ގައުމުތަކުން ތަރައްގީއަށް ފުރުސަތު ދިނުމާއި އަދުގެ ދުނިޔެއާއި ފައިހަމަކުރުމަށް ދީނީ ދޫދިނުންތަކުގައި ރާއްޖެއިންވެސް ފުރުސަތުތަކެއް ދޭންޖެހޭކަމުގައި އިންޑީއާގެ މީޑިއާތަކަކުން ބުނެފިއެވެ.

މިފަދަ މޭރުމަކުން ރިޕޯޓެއް ޝާއިޢުކޮށްފައިވަނީ "ޕްރޯ ކެރެލާ"، "މަންގަލޯރިއަން" އަދި "ނިއުސްރޫމް އޮޑީޝާ" ނަމަކަށްކިޔާ ތިން ނޫހެއްގައެވެ. ތިން ނޫގައިވެސް ޝާއިޢުކޮށްފައިވަނީ ހަމަ އެއް ކޮންޓެންޓެކެވެ.

އެ ނޫސްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެފްކޯންސްއިން އައްޑޫ ސިޓީގައި މަގުހެދުމުގެ ޕްރޮޖެކްޓްގައި ދީނީ އަޅުކަން ޕްރެކްޓިސް ކުރުމުން އެމައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގައެވެ.

އެކަމުގެ ކަންބޮޑުވުމާއެކު ލިޔެފައިވާ އެ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން އަންނަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އިސްލާމިކް ޕްރެކްޓިސްތަކުގައި ރާއްޖެއިން މިސާލަކަށް ބަލަނީ ގަލްފްގެ އިސްލާމީ ގައުމުތައް ކަމަށާއި އެހެންނަމަވެސް ގަލްފްގެ އެ ގައުމުތަކުން ޒަމާނީ ރިފޯމަށް ފުރުސަތުދޭ ބީދައިން ރާއްޖެއިން ފުރުސަތު ނުދޭކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރަސްމީ ބަންދު ދެ ދުވަހަކީ ހުކުރު ހޮނިހިރުގެ ބަދަލުގައި ހޮނިހިރު އާދީއްތައަށް ޔޫއޭއީއިން ބަދަލުކުރިކުރުމާއި ދުބާއީގައި ހިންދޫ ފައްޅިއެއް ހުޅުވުމުގެ ފުރުސަތު ދިނުމާއި ދުބާއީގައި ގުރޫދުވާރާއަކާއި ކްރިސްޓިއަނުންގެ ފައްޅިތަކަށް ފުރުސަތު ދީފައިވާ ދިނުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާއިން އަންހެނުންނަށް އިމެއްނެތި ފުރުސަތުތައް ފަހިކޮށްދީ މިއުޒިކް ކޮންސެޓްތަކާއި އެފަދަ ޒަމާނީ އެތައް ކަމަކަށް ފުރުސަތު ދެމުން ޒަމާނީ ބަދަލުތަކަށް މަރުހަބާކިޔަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ގަލްފްގެ ގައުމުތަކުން މަރުހަބާ ކިޔަމުން އަންނަ "ވިންޑްސް އޮފް ޗޭންޖް" އަށް ރާއްޖެއިން ފުރުސަތު ދިނުމުގެ ބަދަލުގައި އަދިވެސް ހިޔާރު ކުރަނީ ހައްދުފަހަނައަޅާ ދިއުމުގެ ވިސްނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް