ފީފާ ވޯލްޑް ކަޕް ފެންޓަސީ ގޭމް ލޯންޗްކޮށްފި. ކުޅޭނެ ގޮތުގެ ގައިޑް މިއޮތީ!

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް ފެންޓަސީ ގޭމް ފީފާއިން ރޭ ލޯންޗް ކޮށްފިއެވެ. ވޯލްޑް ކަޕް ފެންޓަސީ ގޭމަކީ، މުބާރާތުގެ ފޯރިގަދަކުރުމަށް، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ސަޕޯޓަރުންނަށް ބައިވެރި...

05 Nov 2022 | 19:05

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް ފެންޓަސީ ގޭމް ފީފާއިން ރޭ ލޯންޗް ކޮށްފިއެވެ. ވޯލްޑް ކަޕް ފެންޓަސީ ގޭމަކީ، މުބާރާތުގެ ފޯރިގަދަކުރުމަށް، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ސަޕޯޓަރުންނަށް ބައިވެރިވެވޭގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ. މުބާރާތް ފެށުމުގެ ކުރިން އޮފިޝަލް ފެންޓަސީ ގޭމަށް ރެޖިސްޓަރ ކޮށްގެން ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ޓިކެޓެއް އިނާމެއްގެ ގޮތުގައި ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ފީފާގެ ވެބްސައިޓްގައި ބަޔާންކޮށްފައިވެއެވެ.

ތަޢާރަފު:

ފީފާ ވޯލްޑް ކަޕް ފެންޓަސީ ގޭމަކީ، ވޯލްޑް ކަޕްގައި ވާދަކުރާ 32 ގައުމުގެ ފައިނަލް ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން، މި ގޭމު ކުޅުމަށް ރެޖިސްޓަރ ވާ ހަމަކޮންމެ ފަރާތެއް ވެސް ޖުމްލަ 15 ކުޅުންތެރިން ނަގައިގެން، މެޗުތައް ކުރިޔަށް ދާއިރު ޕޮއިންޓް ހޯދާ، އެހެން ފަރާތްތަކާ ވާދަކުރާގޮތަށް ފަރުމާކުރެވިފައިވާ ގޭމެކެވެ. މި ގޭމަށް ރަޖިސްޓަރވާ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ ޓީމު ނެގުމަށް ލިބޭނީ 100 މިލިޔަނުގެ ބަޖެޓެކެވެ. ކުޅުންތެރިންގެ އަގުތައް ފީފާއިން ހުންނާނީ ލިސްޓުކޮށްފައެވެ. ކޮންމެ މެޗަކަށް ފަހު، ކުޅުންތެރިން މެޗުތަކުގައި ދައްކާ ކުޅުމުގެ މައްޗަށް ބިނާކޮށް އެ ކުޅުންތެރިންނަށް ފީފާ އިން ފެންޓަސީގައި ޕޮއިންޓް ދޭނެއެވެ. ތިބާގެ ޓީމުގެ ޖުމްލަ ނަތީޖާ ބިނާވާނީ، ތިބާގެ ކުޅުންތެރިންނަށް ލިބޭ ޕޮއިންޓްތަކަށެވެ.

ރެޖިސްޓްރޭޝަން އަދި ލޮގިން:

ފީފާ ފެންޓަސީ ކްލެސިކް އަށް ރެޖިސްޓަރވުން މުޅިން ހިލެއެވެ. އެހެނަސް ފެންޓަސީ ޓީމެއް ސަބްމިޓް ކުރަން ބޭނުންވާނަމަ، ފީފާ+ އެކައުންޓަކުން ލޮގިންވުން ލާޒިމެވެ. ފީފާ+ އެކައުންޓެއް ހެދުން ވަރަށް ފަސޭހައެވެ.

މި ލިންކަށް ވަނުމުން ކަނާތް ފަރާތު މަތީ ކަނުން ފެންނަ "ފީފާ+ ކަނެކްޓް" އަށް ކްލިކް ކޮށްލާށެވެ. ކުރިން އެކައުންޓެއް ހަދާފައި ނެތްނަމަ، ދެން ހުޅުވޭ ޕޭޖުން، "ޖޮއިން ނައު" އަށް ކްލިކްކޮށް ރެޖިސްޓްރޭޝަން ފުރިހަމަކުރާށެވެ. އެކައުންޓެއް އިންނަމަ، "ސައިން އިން" އަށް ކްލިކްކޮށް، ދެން އަންނަ ޕޭޖުގައި އީމެއިލް އާއި ޕާސްވޯޑް ލިޔެ ސައިން އިން އަށް ކްލިކް ކޮށްލާށެވެ.

ޓީމް ކްރިއޭޓްކުރުން:

ފެންޓަސީ ޓީމު ނެގުމަށް، ފީފާ+ އެކައުންޓުން ލޮގިން ވުމަށްފަހު، https://play.fifa.com/fantasy-classic/ މި ލިންކަށް ވަންނާށެވެ. ދެން "ގެޓް ސްޓާޓެޑް" އަށް ކްލިކް ކުރާށެވެ. ޓީމް ކްރިއޭޝަން ޕޭޖަށް ވަދެވުމުން އެންމެ ފުރަތަމަ ޓީމަށް ނަމެއް ދިނުމަށް އަރާނެއެވެ. ނަން ދިނުމަށްފަހު، ތިމާގެ ޓީމުގެ އެކި މަގާމުތަކަށް ކުޅުންތެރިން ނަގާށެވެ. 2 ގޯލް ކީޕަރުންނާއި، 5 ޑިފެންޑަރުންނާ، 5 މިޑްފީލްޑަރުން އަދި 3 ފޯވާޑުން ހިމެނޭ ގޮތަށް ޖުމްލަ 15 ކުޅުންތެރިން ނަގަން ޖެހޭނެއެވެ. ޖުމްލަ 100 މިލިޔަންގެ ބަޖެޓެއް ލިބޭއިރު، ކަނާތް ފަރާތު އަރިމަތިން ކުޅުންތެރިންގެ މަޢުލޫމާތާއި، އަގު ފެންނަން ހުންނާނެއެވެ. މިގޮތަށް ނަގާ ޓީމު ޖުމްލަ 8 ފޯމޭޝަންގެ ތެރެއިން ތިބާ ބޭނުން ފޯމޭޝަނަކަށް އަތުރާލެވޭނެއެވެ. އެ ފޯމޭޝަންތަކަކީ:

4-4-2

4-4-4

4-5-1

3-4-3

3-5-2

5-2-3

5-3-2

5-4-1

ޓީމް ޕޭޖުން ނުވަތަ އެއް ޕޮޒިޝަނަކަށް ކުޅޭ ކުޅުންތެރިއެއްގެ ބަދަލުގައި އެހެން ޕޮޒިޝަނަކަށް ކުޅޭ ކުޅުންތެރިޔަކު ފުރަތަމަ 11 ގައި ހިމަނައިގެން ތިބާގެ ޓީމުގެ ފޯމޭޝަން އަބަދު ވެސް ބަދަލުކުރެވޭނެއެވެ.

މުބާރާތުގެ އެކި މަރުހަލާތަކުގައި، ފެންޓަސީ ޓީމެއްގައި އެއް ގައުމަކުން ކުޅުންތެރިން ހިމެނޭ ވަކި އަދަދުތަކެއް ކަނޑައެޅިފައިވެއެވެ. އެ އަދަދުތައް ތިރީގައި އެ ވަނީއެވެ.

މަރުހަލާ ކަނޑައެޅިފައިވާ އަދަދު
ގްރޫޕް ސްޓޭޖް ގައުމަކުން ގިނަވެގެން 3 ކުޅުންތެރިން
ރައުންޑް އޮފް 16 ގައުމަކުން ގިނަވެގެން 4 ކުޅުންތެރިން
ކުއާޓާ ފައިނަލް ގައުމަކުން ގިނަވެގެން 5 ކުޅުންތެރިން
ސެމީ ފައިނަލް ގައުމަކުން ގިނަވެގެން 6 ކުޅުންތެރިން
ފައިނަލް ގައުމަކުން ގިނަވެގެން 8 ކުޅުންތެރިން

• ކަނާތް ފަރާތުން ފެންނަ ކުޅުންތެރިންގެ ލިސްޓުގައިވާ ކުޅުންތެރިންގެ ތެރެއިން އެވެލަބަލް ހަމަކޮންމެ ކުޅުންތެރިއެއް ނަމާ ދިމާލުގައިވާ ޕްލަސް ފާހަގައަށް ކްލިކް ކޮށްލައިގެން އެ ކުޅުންތެރިއެއް ޓީމަށް އެޑްކުރެވޭނެ

• ޓީމަށް ނަގާފައިވާ ކުޅުންތެރިއަކު ރިމޫވްކޮށްލުމަށް، ކުޅުންތެރިޔާގެ ޕްރޮފައިލްއަށް ވަދެ (ޖާޒީއަށް ކްލިކްކޮށްގެން) ކްރޮސް ފާހަގައަށް ކްލިކްކޮށްލާ

• އަމިއްލައަށް ޓީމު ނަގަން ބޭނުންނުވާނަމަ، ޓީމު އޮޓޮމެޓިކުން ފިލްކޮށްލެވޭނެ އޮޕްޝަންއެއް "އޮޓޯފިލް" ގެ ނަމުގައި ޕޭޖުން ފެންނަން އިންނާނެ

• ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ ކުރިން ޓީމަށް ބޭނުން ވަރަކަށް ބަދަލުތައް ގެނެސް ޓީމު ފައިނަލްކުރުމުގެ ފުރުސަތު އޮންނާނެ. އެއީ 20 ނޮވެމްބަރު 2022 ގެ 21:00 (ރާއްޖެ ގަޑިން)

ކެޕްޓަން:

ކޮންމެ މެޗުޑޭ އަކަށް (ކޮންމެ މެޗަކަށް ނޫން) ފެންޓަސީ ޓީމުގެ ކެޕްޓަނެއް އިޚްތިޔާރުކުރަން ޖެހޭނެއެވެ. ކެޕްޓަނަށް ލިބޭ ޕޮއިންޓް ދެގުނަ (ޑަބަލް) ވެގެންދާނެއެވެ.

ކޮންމެ ކުޅުންތެރިއެއްގެ ނަމަށް ކްލިކްކޮށްލުމުން ވެސް ފެންނަން އިންނަ ކެޕްޓަން އައިކަންގެ ބޭނުން ހިފައިގެން، ބޭނުންވާ ކުޅުންތެރިޔަކަށް ކެޕްޓަންކަން ދެވޭނެއެވެ.

ޓީމުގެ ކެޕްޓަން ބޭނުން އަދަދަކަށް ބަދަލުކުރެވޭނެއެވެ. އެހެނަސް، އެއީ އެ މެޗުޑޭ އަކަށް ތިބާ ނަގާފައިވާ ކެޕްޓަން އެ މެޗުޑޭ ގައި ކުޅެފައި ނުވާނަމައެވެ. އެފަދަ ހާލަތުގައި ދެން ކެޕްޓަން ބަދަލުކުރެވޭނީ ދެން އަންނަ މެޗުޑޭ އަކަށެވެ. ނޫންނަމަ، އެ މެޗުޑޭގައި ތިބާގެ ޓީމުން އެ މެޗުޑޭގައި ނުކުޅެ އިން ކުޅުންތެރިޔަކަށް ކެޕްޓަން ބޭންޑް ބަދަލުކުރެވޭނެއެވެ. އެގޮތަށް ކަންތައް ކޮށްފިނަމަ، އެ މެޗުޑޭ ގައި ކުރީގެ ކެޕްޓަންއަށް ލިބިފައިވާ ޕޮއިންޓް ޑަބަލްވުން ނިމުމަކަށް އަހިސް، އައު ކެޕްޓަންގެ ޕޮއިންޓް ޑަބަލްވާނީއެވެ.

ބަދަލު ކުޅުންތެރިން:

މެޗުޑޭ އަށް ފެންޓަސީ ޓީމު ފައިނަލްކުރާއިރު، އަބަދު ވެސް ބެންޗުގައި 4 ކުޅުންތެރިން ބައިތިއްބަން ޖެހޭނެއެވެ. އޭގެ ތެރެއިން އެކަކީ އަބަދު ވެސް ކޮންމެ ވެސް 1 ގޯލްކީޕަރެކެވެ.

ބެންޗުގައި ތިބޭ ކުޅުންތެރިންނަށް ވެސް ކޮންމެ މެޗުޑޭ އެއްގައި ވެސް ޕޮއިންޓް ލިބޭނެއެވެ. އެހެނަސް، އެ ޕޮއިންޓްތައް ތިބާގެ ޓީމުގެ ޖުމްލަ ޕޮއިންޓަށް އިތުރުވެގެން ނުދާނެއެވެ.

ތިބާގެ ޓީމުގައި ހިމެނޭ ކުޅުންތެރިޔަކު އެ ޓީމުގެ މެޗު ނިމޭއިރު ވެސް އެ މެޗުޑޭ ގައި ނުކުޅޭނަމަ، އަދި ތިބާ ކުޅުންތެރިޔާ ބަދަލުނުކުރާނަމަ، އެ މެޗުޑޭގައި ބެންޗުގައި އިން އެ މަގާމަށް އެކަށޭނަ ކުޅުންތެރިޔަކު، ނުކުޅޭ ކުޅުންތެރިޔާގެ ބަދަލުގައި އެޓޮމެޓިކުން ފުރަތަމަ 11 އަށް އަރާނެއެވެ.

މެޗުޑޭ ގެ ތެރޭގައި، ތިބާގެ ބެންޗުގައި އިން، އެ މެޗުޑޭގައި އަދި ނުކުޅޭ ކުޅުންތެރިޔަކު، ކުޅެފައި އިން ކުޅުންތެރިއެއްގެ ބަދަލުގައި ފުރަތަމަ 11 އަށް އެރުވޭނެއެވެ. އެހެނަސް، އެ ހާލަތުގައި، ފުރަތަމަ 11 އިން ބޭރުކުރި ކުޅުންތެރިޔާއަށް އެ މެޗުޑޭގައި ލިބުނު ޕޮއިންޓް ޖުމްލަ ޕޮއިންޓްގެ ތެރެއަށް އިތުރުވެގެން ނުދާނެއެވެ. އިތުރުވާނީ ބެންޗުން އެރުވި ކުޅުންތެރިޔާ ހޯދާ ޕޮއިންޓެކެވެ.

ބޫސްޓާ:

މުބާރާތް ފެށުމުން، މުބާރާތުގެ ތެރޭގައި ފެންޓަސީ ޓީމުގައި ބޭނުންކުރަން 3 ބޫސްޓާއެއް ލިބޭނެއެވެ.

ވައިލްޑްކާޑް:- ވަކި މަރުހަލާތަކެއްގައި، ބޭނުން ވަރަކަށް ޓްފާންސްފާ ހެދުމުގެ ފުރުސަތު ލިބޭނެއެވެ. (ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗާއި، ރައުންޑް އޮފް 16 ގައި ބޭނުން ނުކުރެވޭނެ)

ޓްވެލްތުމޭން:- ކޮންމެ ވެސް 1 މެޗުޑޭ އެއްގައި، ތިބާގެ ފެންޓަސީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އިތުރަށް، 1 ކުޅުންތެރިޔަކު ނެގޭނެއެވެ. ޓްވެލްތުމޭން ސެލެކްޓް ކުރުމަށްފަހު، ބަދަލެއް ނުކުރެވޭނެ، ކެޕްޓަން ބޭންޑެއް ނުދެވޭނެ އަދި ޓްރާންސްފާއެއް ވެސް ނުކުރެވޭނެއެވެ. އެ ކުޅުންތެރިޔާ އިންނާނީ އެ މެޗުޑޭއަށް އެކަންޏެވެ. ކަނޑައެޅިފައިވާ ބަޖެޓްގެ ބޭރުން އަދި އެއް ގައުމަކުން ވަކި އަދަދަކަށް ކުޅުންތެރިން ނެގޭ ގޮތަށް އޮތް އުސޫލުގެ ވެސް ބޭރުން، ޓްވެލްތުމޭން ބޫސްޓާ ބޭނުންކޮށްގެން ބޭނުން ކުޅުންތެރިޔަކު ނެގޭނެއެވެ.

ޕަވަރ ކެޕްޓަން:- 15 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން، މި ބޫސްޓާ އެކްޓިވް ކުރާ މެޗުޑޭ އެއްގައި އެންމެ ގިނައިން ޕޮއިންޓް ހޯދާ ކުޅުންތެރިޔަކަށް އޮޓޮމެޓިކުން ކެޕްޓަންގެ ގޮތުގައި ޑަބަލް ޕޮއިންޓް ލިބިގެންދާނެއެވެ.

ކޮންމެ ބޫސްޓާ އެއްވެސް ބޭނުންކުރެވޭނީ އެންމެ ފަހަރަކުއެވެ. އަދި 2 ބޫސްޓާއެއް އެއް މެޗުޑޭ އެއްގައި ބޭނުން ނުކުރެވޭނެއެވެ. ބޫސްޓާ ކޮންފާމްކުރުމަށްފަހު، ދެން ކެންސަލް ނުކުރެވޭނެއެވެ. އަދި އެ މެޗުޑޭއެއް ނިމެންދެން އެ ބޫސްޓާއެއް އެކްޓިވްކޮށް އިންނާނެއެވެ.

ޓްރާންސްފާ:

މުބާރާތުގެ އެކި މަރުހަލާތަކުގައި، ކަނޑައެޅިފައިވާ އަދަދުތަކަކަށް ފްރީ ޓްރާންސްފާ ލިބޭނެއެވެ.

ތިރީގައި އެ ވަނީ އެކި މަރުހަލާތަކުގައި ލިބޭނެ ފްރީ ޓްރާންސްފާގެ އަދަދެވެ.

މުބާރާތުގެ ކުރިން - ބޭނުން އަދަދަކަށް

މެޗުޑޭ 2 ފެށުމުގެ ކުރިން - 2 ޓްރާންސްފާ

މެޗުޑޭ 3 ފެށުމުގެ ކުރިން - 2 ޓްރާންސްފާ

ރައުންޑް އޮފް 16 ފެށުމުގެ ކުރިން - ބޭނުން އަދަދަކަށް

ކުއާޓާ ފައިނަލް މެޗުތައް ފެށުމުގެ ކުރިން - 4 ޓްރާންސްފާ

ސެމީ ފައިނަލް މެޗުތައް ފެށުމުގެ ކުރިން - 5 ޓްރާންސްފާ

ފައިނަލް މެޗުގެ ކުރިން - 6 ޓްރާންސްފާ

ގްރޫޕް ސްޓޭޖްގައި، ކޮންމެ މެޗުޑޭ އެއްގައި ލިބޭ ހިލޭ 2 ޓްރާންސްފާގެ ތެރެއިން ތިބާ ބޭނުންނަމަ، ބޭނުންނުކޮށް 1 ޓްރާންސްފާ ދެން އަންނަ މެޗުޑޭ އަކަށް ގެންދެވޭނެއެވެ. މެޗުޑޭ 3 ނިމިގެން ރައުންޑް އޮފް 16 އާ ދެމެދު އަންލިމިޓެޑް ޓްރާންސްފާ ލިބޭތީ، އެ މަރުހަލާގައި ހިލޭ ޓްރާންސްފާ ކެރީ ފޯވާޑް ނުކުރެވޭނެއެވެ.

ގްރޫޕް ސްޓޭޖްގައި ކޮންމެ މެޗުޑޭ އަކަށް ލިބޭ ހިލޭ ޓްރާންސްފާގެ އިތުރަށް ބޭނުންނަމަ، ކުޅުންތެރިން ޓްރާންސްފާ ކުރެވިދާނެއެވެ. އެހެނަސް، އެގޮތަށް އިތުރަށް ޓްރާންސްފާ އިން ކުރާ ކޮންމެ ކުޅުންތެރިޔަކަށް، ތިބާއަށް ލިބޭ ޖުމްލަ ޕޮއިންޓުން 3 ޕޮއިންޓް ކެނޑިގެންދާނެއެވެ.

ޓްރާންސްފާއެއް ކޮންފާމްކުރުމަށްފަހު، އެ ޓްރާންސްފާއެއް ރިވާސްނުކުރެވޭނެއެވެ.

ޕޮއިންޓް ލިބޭގޮތް:

ފެންޓަސީ ޓީމުގައި ހިމަނާ ކުޅުންތެރިންނަށް ޕޮއިންޓް ލިބޭނީ، މުބާރާތުގެ އަސްލު މެޗުތަކުގައި އެ ކުޅުންތެރިން ދައްކާ ކުޅުމަށެވެ. ކުޅުންތެރިންނަށް ޕޮއިންޓް ދޭ އުސޫލު ތިރީގައި އެ ވަނީއެވެ.

ހުރިހާ ކުޅުންތެރިން:

އެކްޝަން ޕޮއިންޓް
މެޗުގައި ކުޅުން (60 މިނިޓް ނުވަތަ އެއަށްވުރެ ގިނައިރު) 1+
އެސިސްޓް 3+
ރީނދޫ ކާޑު 1-
ރަތް ކާޑު 2-
ބައިކޮޅަށް ލަނޑެއް ޖެހުން 2-
ޕެނަލްޓީއެއް ހޯދުން 2+
އިދިކޮޅު ޓީމަށް ޕެނަލްޓީއެއް ދިނުން 1-

ގޯލްކީޕަރުން:

އެކްޝަން ޕޮއިންޓް
ގޯލަށް ލަނޑެއް ވަނަނުދިނުން (މަދުވެގެން 70 މިނިޓު ކުޅެ) 5+
ފުރަތަމަ ވަންނަ ލަނޑު 0
އިތުރަށް ވަންނަ ކޮންމެ ލަނޑަކަށް 1-
ޖަހާ ކޮންމެ ލަނޑަކަށް 9+
ޕެނަލްޓީއެއް މަތަކުރުން (ޕެނަލްޓީ ޝޫޓްއައުޓް ފިޔަވައި) 3+
ކުރާ ކޮންމެ 3 ސޭވް އަކަށް 1+

ޑިފެންޑަރުން:

އެކްޝަން ޕޮއިންޓް
ގޯލަށް ލަނޑެއް ވަނަނުދިނުން (މަދުވެގެން 60 މިނިޓު ކުޅެ) 5+
ފުރަތަމަ ވަންނަ ލަނޑު 0
އިތުރަށް ވަންނަ ކޮންމެ ލަނޑަކަށް 1-
ޖަހާ ކޮންމެ ލަނޑަކަށް 7+

މިޑްފީލްޑަރުން:

އެކްޝަން ޕޮއިންޓް
ގޯލަށް ލަނޑެއް ވަނަނުދިނުން (މަދުވެގެން 60 މިނިޓު ކުޅެ) 1+
ޖަހާ ކޮންމެ ލަނޑަކަށް 5+
ކާމިޔާބު ކޮންމެ 3 ޓެކުލްއަކަށް 1+

ފޯވާޑުން:

އެކްޝަން ޕޮއިންޓް
ޖަހާ ކޮންމެ ލަނޑަކަށް 5+
އޮން ޓާގެޓަށް ފޮނުވާލާ ކޮންމެ 2 ޝޮޓަކަށް 2+

މަޢުލޫމާތު ނެގީ: ފީފާ އޮފިޝަލް ވެބްސައިޓުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް