ލ ފޮނަދޫން އަހުމަދު އަނަސް
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލ.ފޮނަދޫގައި ފެންބޮޑުވެއްޖެއެވެ.
އިއްޔެ ހަވީރުން ފެށިގެން މެދުނުކެނޑި ވާރޭ ވެހެމުންދާއިރު މިހާރުވަނީ ފޮނަދޫގެ ބައެއް މަގުތަކުގައި ހިނގާ ބިނގާ އުޅޭ މީހުނަށް މަގުގައި ނުހިނގޭ ވަރަށް ފެންބޮޑުވެފައެވެ. މީގެ އިތުރުން ފޮނަދޫގެ ބައެއް ގެތަކަށްވެސް ވަނީ ފެން ވަދެފައެވެ. މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް އެމްއާރްޑީސީ އިން މިހާރުވެސް ކުރަމުން އެބަދެއެވެ. މިވިއްސާރައިގައި އިއްޔެވަނީ ހަމަ މިއަތޮޅު އިސްދޫގައިވެސް ފެންބޮޑުވެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި މޫސުމާއިބެހޭ ޤައުމީ އިދާރާއިން މިއަދު މިވަނީ ވައިޓް އެލާޓު އަދި ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. ވައިޓު އެލާޓް ނެރެފައިވަނީ ދެކުނުގެ އަތޮޅުތަކާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ މިއަދު ހެނދުނު 09:00އިން ފެށިގެން 14:00އާއި ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް