މެންޗެސްޓާ ސިޓީން އާސެނަލް ބަލިކޮށް ތާވަލުގެ ކުރީގައި 8 ޕޮއިންޓްގެ ލީޑެއް ނަގައިފި

ޕްރިމިއާ ލީގުގައި 3-1 އިން އާސެނަލް ބަލިކޮށް، ލީގުގެ ފޭވަރިޓުންނަކީ އެ މީހުންކަން މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ސާބިތުކޮށްދީފިއެވެ. ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އ...

06 Nov 2017 | 07:17

ޕްރިމިއާ ލީގުގައި 3-1 އިން އާސެނަލް ބަލިކޮށް، ލީގުގެ ފޭވަރިޓުންނަކީ އެ މީހުންކަން މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ސާބިތުކޮށްދީފިއެވެ.

ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީން މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ރޭގެ މެޗުތަކުގެ ނަތީޖާއާއެކު އެ ޓީމަށްވަނީ ތާވަލުގެ ކުރީގައި 8 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައެވެ. ސިޓީ އެއް ވަނައިގައި 31 ޕޮއިންޓާއެކު އޮތް އިރު، ދެ ވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަދި ތިން ވަނައިގައި އޮތް ޓޮޓެންހަމްއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ އެއްކޮށް ސިޓީން ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، އެ ޓީމަށް ލީޑު ނަގައިދިނީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެވިން ޑި ބްރޭނާއެވެ. މިއީ 19 ވަނަ މިނިޓުގައި ފެނާންޑީނިއޯ އާ އެކު ހެދި އަވަސް "ވަންޓޫ" އަކަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ސިޓީން ލީޑު ފުޅާ ކުރީ ސްޓާލިން އަށް މޮންރެއާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން އަގުއޭރޯ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ 49 ވަނަ މިނިޓުގައެވެ.

އާސެނަލްގެ ފޯވާޑް އަލެކްސަންޑާ ލަކަޒެޓޭ 65 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު އާސެނަލް އިން އުންމީދު އާކުރި ނަމަވެސް، އަގުއޭރޯގެ ބަދަލުގައި ކުޅެން ނުކުތް ގަބްރިއަލް ޖީސަސް 74 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު ސިޓީއަށް 3 ޕޮއިންޓް ކަށަވަރުވިއެވެ.

މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ވާދަވެރި 9 މެޗުގެ ތެރެއިން ސިޓީއަށް އެންމެ މެޗަކުން މޮޅުވެވިފައި ވި ނަމަވެސް ސިޓީން ވަނީ ރޭގައި އާސެނަލް ތަފާތު ބޮޑުކޮށް ބަލި ކުރެވޭފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމަ އެހެންމެ ރޭގެ މޮޅާއެކު ސިޓީއަށް 11 މެޗުން ލިބިފައިވާ 31 ޕޮއިންޓާއި، ފައިދާ 31 ލަނޑަކީ މިހާތަނަށް ޕްރިމިއާ ލީގުގެ ފުރަތަމަ 11 މެޗަށް ފަހު ޓީމަކުން ހޯދާފައިވާ އެންމެ ރަނގަޅު ނަތީޖާއެވެ.

ރޭގެ ބައްޔާއެކު އާސެނަލް ވަނީ ތާވަލުގެ 6 ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 19 ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި އުޅޭ ސިޓީއާ ދެމެދު 12 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބަ އޮތެވެ.

ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ރެފްރީ އަށާއި ސިޓީގެ ހުނަރުވެރި ކުޅުންތެރިޔާ ސްޓާލިން އަށްވެސް ފާޑުކިޔާފައެވެ. އާސެން ވެންގާ ވަނީ ސްޓާލިން ޕެނަލްޓީ ހޯދަން "ޑައިވް" ކުރީ ކަމަށާއި، އެ ޑައިވްއަށް ރެފްރީ ދޭން ނުޖެހޭ ޕެނަލްޓީއެއް ދީ އަދި ސިޓީން ޖެހި އޮފްސައިޑް ލަނޑެއްވެސް ރަނގަޅު ކަމަށް ނިންމިކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް