ދެވަނަ ހާފުގައި މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑާއެކު، 1-0 ގެ ނަތީޖާއިން ޗެލްސީން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ. މި ނަތީޖާއާއެކު ޗެލްސީން ވަނީ 2 ވަނައިގައި އޮތް ޔުނައިޓެޑާއި، 3 ވަނައިގައި އޮތް ޓޮޓެންހަމްއާ 1 ޕޮއިންޓާ ގާތަށް ޖެހިލާފައެވެ.
އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށް އަޑު ފެތުރި، ފަހު ވަގުތު ރެއާލް މެޑްރިޑުން ޗެލްސީއާ ގުޅުނު މޮރާޓާ ވަނީ 55 ވަނަ މިނިޓުގައި ބޮލުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ލަނޑު ޖަހާފައެވެ. މި ލަނޑު އޭނާ ޖެހީ އެޒްޕިލިކުއޭޓާ ނަގައިދިން ހުރަހަކުންނެވެ.
މެޗުގެ ފުރަތަމަ މެޗު ފެށިގެން ފުރަތަމަ 20 މިނިޓުގައި ޔުނައިޓެޑްގެ ފަރާތުން އެޓޭކިން ރަނގަޅު ކުޅުމެއް ފެނުނުއިރު، މާކަސް ރަޝްފޯޑް ބޮލުން ފޮނުވާލި ހަމަލާއަކުން ލަނޑު ޖެހުމާ ގާތަށްވެސް ދިޔައެވެ. އެހެން ނަމަވެސް އޭގެ ފަހުން ޔުނައިޓެޑްގެ ކުޅުން ގެއްލިގެން ދިޔައިރު، ޗެލްސީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ، ވަރުގަދަ އެޓޭކިންގ ގޭމަކާއެކު ޔުނައިޓެޑަށް ބާރު ބޮޑު ކޮށްލާފައެވެ.
ދެވަނަ ހާފުގައިވެސް ޗެލްސީން ރަނގަޅު ކުޅުމެއް ދައްކައި މޮރާޓާގެ ލަނޑުން ލީޑު ނެގިއިރު، ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. އަނެއް ކޮޅުން މި މޮޅާއެކު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށް އޮތް ޕްރެޝަރ ކުޑަވިއިރު، ޔުނައިޓެޑަށް މި ކުރިމަތިވި ބައްޔާއެކު އެ ޓީމާ، 1 ވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ 8 ޕޮއިންޓަށް ބޮޑުވެފައެވެ.
އަނިޔާގައި ހުރުމަށްފަހު ޗެލްސީގެ މެދުތެރެއަށް ކުޅޭ މުހިންމު ކުޅުންތެރިޔާ ކަންޓޭ މިރޭ ކުޅެން ނުކުތްއިރު، ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ އަނިޔާގެ ސަބަބުން އުނދަގޫ ހާލަތެއް ކުރިމަތިވެފައިވަނިކޮށް ޔުނައިޓެޑާ ދެކޮޅަށް ކުޅެ މި ލިބުނީ ވަރަށް ބޮޑު މޮޅެއް ކަމަށެވެ.
އަނެއްކޮޅުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ ސިޓީއާ ދެމެދު 8 ޕޮއިންޓްގެ ފަރަގެއް އޮތުމަކީ ކަންބޮޑުވާ ކަމެއް ނޫންކަމަށް ބުނެފައެވެ.
"އަހަރެމެން މި އޮތީ ދެ ވަނައިގައި. ފަސް ވަނަ، ހަ ވަނަ ނޫނީ ހަތް ވަނައިގައެއް ނޫން... 18 ޓީމެއް އެބައޮތް މިއަށްވުރެ މާ އުނދަގޫ ހާލަތެއްގައި. 8 ޕޮއިންޓަކީ 8 ޕޮއިންޓް." މޮރީނިއޯ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް