ފާއިތުވި 7 ދުވަސް ތެރޭގައި ސްޕެނިޝް ލީގުގައި ޖެރޯނާ އަތުން އަދި ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް އަތުން ވި ދެ ބައްޔާއެކު ހާސްކަމެއްގެ ތެރޭގައި އޮތް ރެއާލް މެޑްރިޑުން ރޭ ސްޕެނިޝް ލީގުގައި 3-0 ގެ ނަތީޖާއިން ލަސް ޕަލްމާސް ބަލިކޮށް ހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ.
މި ސީޒަނުގައި ލިބެމުން އަންނަ ދަށް ނަތީޖާތަކާއެކު، މި މެޗަށް ނުކުތްއިރު ރެއާލް މެޑްރިޑް އޮތީ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާއަށްވުރެ 11 ޕޮއިންޓް ފަހަތުގައެވެ. އެހެންކަމުން ފޯމު ކަޓާފައި އޮތް މެޑްރިޑަށް ބޮޑު ޕްރެޝަރެއް އޮތް ނަމަވެސް މެޑްރިޑުން ވަނީ ފާއިތުވި މެޗުތަކަށްވުރެ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް ރަނގަޅު ނަތީޖާއެއް ހޯދާ އަނެއްކާވެސް 8 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.
ރޭގެ މެޗު ފަށައިގެން މެޑުރިޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ބެންޒެމާއަށް ލިބުނު ވަރަށް ހުސް ފުރުސަތެއް ބޭކާރު ކޮށްލިއިރު، ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލު ދަނޑިއަށެވެ.
ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމެން ދަނިކޮށް، ފަހު ވަގުތު ކަސެމީރޯ ބޮލުން ޖެހި ލަނޑާއެކު ރެއާލް މެޑްރިޑުން ލީޑު ނެގިއެވެ. މިއީ ފާއިތުވި ސީޒަންގައި ބޮލުން 40 ލަނޑު ކާމިޔާބު ކުރި މެޑްރިޑަށް މި ސީޒަންގެ މެޗެއްގައި ކުޅުންތެރިއަކު ބޮލުން ޖަހައިދިން ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 56 ވަނަ މިނިޓުގައި މެޑްރިޑުން އުފެއްދި ހަމަލާއަކުން ސަލާމަތްވެ ލަސް ޕަލްމާސްގެ ކުޅުންތެރިއެއް ބޯޅަ ސާފުކޮށްލަން ފޮނުވާލުމުން ލިބުނީ އެސެންސިއޯ އަށެވެ. މާކޯ އެސެންސިއޯ ވަނީ 25 ޔާޑު ބޭރުން ގޯލުގެ ވާއަތު މަތީ ކަނަށް ބާރު ހަމަލާއެއް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑާއެކު މެޑްރިޑަށް 2 ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
މެޑްރިޑްގެ 3 ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 74 ވަނަ މިނިޓުގައެވެ. މެޑްރިޑުން އުފެއްދި އަވަސް ކައުންޓާ އެޓޭކެއްގައި ރޮނާލްޑޯ ހުރަސްކޮށްލި ބޯޅައަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި މެޑްރިޑަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިސްކޯ އެވެ.
މެޑްރިޑުން ރޭގެ މެޗުން މޮޅުވެ ހާސްކަމުން ސަލާމަތްވި ނަމަވެސް މެޑްރިޑަށް އަދިވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނުގެ ސްޕެނިޝް ލީގުގެ މެޗުތަކުގައި ގޯލާ ބީރަށްޓެހިވުން ނިމުމަކަށް ނައުމެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން 6 ލަނޑު ޖެހި ނަމަވެސް ސްޕެނިޝް ލީގުގައި ރޮނާލްޑޯ ކުޅުނު 7 މެޗުން އޭނާއަށް ޖެހުނީ އެންމެ ލަނޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް