ބައިނަލްއަގްވާމީ ހަބަރުތަކަށް ބަލާލާއިރު އިއްޔެ އެންމެ ބޮޑު ހަބަރަކަށް ވެގެން ގޮސްފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީގެ 11 ރަސްދަރިކަލާއި ހަތަރު ވަޒިރަކާއި ކުރީގެ ވަޒީރުންތަކެއް ހައްޔަރުކުރި ކަމުގެ ހަބަރެވެ.
ކޮރަޕްޝަނުގެ ބޮޑު މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ސައުދީ ރަސްގެފާނުގެ ދަރިކަލުން، ވަލީ އަހުދު، މުހައްމަދު ބިން ސަލްމާން އެވެ.
ކުއްލި ގޮތަކަށް މިވަރުގެ ބޮޑު މައްސަލައެއް ތަހުގީގު ކުރަމުން އަންނަނީ ކީއްވެކަން ދުވަހުގެ ކިޔުންތެރިންނަށް އެނގޭ ހެއްޔެވެ!؟
މި މައްސަލަ އެންމެ ބޮޑަށް ގުޅިފައިވަނީ 2009 ވަނަ އަހަރު ސައުދީގައި ހިނގި ހިތާމަވެރި ހާދިސާއެއް ކަމުގައިވާ، ޖިއްދާގައި ފެންބޮޑުވި ހާދިސާ އެވެ. މި ހާދިސާގައި 116 މީހަކު މަރުވެ، 350 މީހަކަށް ވީނުވީއެއް ނުއެނގި ގެއްލުނު އެ ހާދިސާ އަކީ 25 ނޮވެމްބަރު 2009ގައި ހިނގި ހާދިސާ އެކެވެ.
އެ ހާދިސާގައި 3000 އަށްވުރެ ގިނަ ކާރު އޮޔާ ގޮސްފައިވާއިރު އިމާރާތްތަކަށް ލިބުނު ގެއްލުން މިލިޔަނަށް އަރަ އެވެ. ހުއްޓުމެއްނެތި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ޖިއްދާގައި ބޮޑުވި ފެންގަނޑު ތިން މީޓަރަށްވުރެ އުސް ކަމަށްވެ އެވެ.
މި ހާދިސާއާއި ގުޅިގެން ކޮރަޕްޝަންގެ އެތައް އަމަލެއް ހިނގާފައިވާކަމަށް ކުރީންވެސް ވާހަކަ ދެކެވެމުން ދިޔަ އެވެ. އަދި ތަހުގީގު ތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް ކުއްލިއަކަށް ރަސްދަރިން ތަކަކާއި ވަޒީރުން ތަކެއް ހައްޔަރުކޮށް މި މައްސަލައިގެ ތަހުގީގު މެކުހަށް ޖަހާފައިމިވަނީ ސީދާ ކީއްވެކަން އަދި ތިލަވެފައެއް ނުވެ އެވެ. ނަމަވެސް ހަލުވި ސްޕީޑެއްގައި މިހާރު މި ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނާއި ގުޅުން ހުރި މުދަލާއި ތަންތަން ސައުދީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް