ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު މޫސުން ވަރަށް ގޯސްވާނެކަމުގައި މެޓުން ބުނެފިއެވެ.
އެގޮތުން މިއަދު މެޓުން ނެރުނު މޫސުމީ ޚަބަރުގައި ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުވަނީ ގަދަވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖޭގެ ސަރަހައްދުގައި އާއްމުވައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލާއި 23 މޭލު ބާރުމިނުގައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށީގެންވާކަމަށެވެ.
"އެހެންކަމުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވެއެވެ. މީގެއިތުރުން ދިޔަވަރުބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް" މެޓުން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ ގަދަވަޔާއެކު ކަނޑުތައް ގަދަވެ ބޯކޯށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށާއި އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓުމުގެކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދެވުމަށް ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް