ކުރިން އެއްބަސްވެފައިވާ ޕްރޮޖެކްޓެއްތައް ހިންގޭނެ: ޕީސީބީ

އިންތިގާލީ މަރުހަލާގައިވެސް ކުރިން އެއްބަސްވެފައިވާ ޕްރޮޖެކްޓްތަކާއި ޕްރޮޖެކްޓްތަކުގެ އެކްސްޓެންޝަންފަދަ ކަންކަން ކުރެވޭނެ ކަމުގައި ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެ...

06 Oct 2023 | 16:43

އިންތިގާލީ މަރުހަލާގައިވެސް ކުރިން އެއްބަސްވެފައިވާ ޕްރޮޖެކްޓްތަކާއި ޕްރޮޖެކްޓްތަކުގެ އެކްސްޓެންޝަންފަދަ ކަންކަން ކުރެވޭނެ ކަމުގައި ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީން މިހެން ބުނެފައިވަނީ އެ ބޯޑުން ނެރެފައިވާ ސާކިއުލާއެއްގައެވެ.

ކުންފުނިން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އަދި ކުންފުނގެ މަގްސަދުގައި ނުހިމެނޭ މުޅިން އަށް އެއްވެސް ޕްރޮޖެކްޓެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަންޖެހޭ އައު އެއްވެސް ކަމެއް ނުކުރުމަށް އެ ސާކިއުލާގައި ބުނެފައިވީނަމަވެސް ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާ ނެގޯޝިއޭޓް ކުރެވިފައިވާ އަދި ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ އެކްސްޓެންޝަންފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

" މިފަދަ ޕްރޮޖެކްޓްތައް ވާންވާނީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ލާބަޔާއި މަންފާހުރި ޕްރޮޖެކްޓްތަކަށް" ޕީސީބީގެ ސާކިއުލާގައި ބުނެފައިވެއެވެ.

ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެ ސާކިއުލާގައި އަންގާފައިވެއެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އަދި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިންތިގާލީ ކޮމިޓީއަށް ބޭނުންވާ އެންމެހާ މައުލޫމާތު ފޯރުކޮށްދެއްވުމަށާއި، އެ ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ޕީސީބީން އަންގާފައިވެއެވެ. އަދި  އިންތިގާލީ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ޒިންމާދާރު އަދި ހާމަކަން ބޮޑު ގޮތެއްގައި ކުންފުނީގެ ނިންމެވުންތައް ނިންމެވުމަށް ކުންފުނީގެ ބޯޑުތަކަށް އަންގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް