މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެއްލުންތަކެއް ރިޕޯޓްކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެގޮތުން އެ އޮތޯރިޓީން މިއަދު ނެރުނު މީޑިއާ ބްރީފްގައި ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެއާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯރޓްކޮށްފައިވާއިރު މިގޮތުން އިއްޔެ ޅ.ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެ އާންމު ފަރުދުންގެ އާންމު ދިރުއުޅުމަށް އަސަރުކުރި ކަމަށެވެ. އަދި ށ. ގޮއިދޫގައިވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯރޓްކުރިކަމަށެވެ. އެހެން ނަމަވެސް މިދެރަށުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައެއް ނުވާކަމަށް ބުނެފައިވެއެވެ.
"މިއަދުގެ ވަގުތެއްގައި އއ.ފެރިދޫއަށް ބޯކޮށް ވާރެ ވެހުމުގެ ސަބަބުން ރަށުގައި ވަނީ ފެންބޮޑުވެފައި އަދި 2 ގެއަކަށް ދިރިއުޅުމަށް ދަތިވާ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ވަނީ ރިޕޯރޓްކޮށްފައި. އަދި ބ.މާޅޮހަށްވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ވަނީ ރިޕޯރޓްކޮށްފައި. އެހެން ނަމަވެސް މިދެރަށުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައެއް ނުވޭ." އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ފެންބޮޑުވެގެން ރިޕޯރޓްކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން އެމް.އެން.ޑީ.އެފް ގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުން އަންނަކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނެފައިވަނީ މިމަސައްކަތަށް އެހީތެރިވުމުގެ ގޮތުން މިއަދު އެން.ޑީ.އެމް.އޭ އިން ވެލިބަސްތާ ޖެހުމަށް އެމް.އެން.ޑީ.އެފްއަށް 1000 ގޯނި ހަވާލުކުރެވިފައިވާނެކަމަށެވެ.
"ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަ ވާނެ ކަމަށާއި ބޯކޮށް ވާރޭވޭހޭނެ ލަފާކުރާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މަޢުލޫމާތު ދެއްވާފައި. އެހެން ކަމުން ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށާއި، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށާއި، ޚާއްސަކޮށް މެންދަމުގެ ވަގުތު ވާރޭ ވެހި ގޯތި ތެރެއަށާއި ގެއަށް ފެން ވަނުމުގެ ސަބަބުން ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކްސް އައިޓަމްސްއަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ގެއަށާއި ގޯތިތެރެއަށް ފެންނުވަންނާނޭހެން ވެލި ބަސްތާޖެހުމަށް އިސްލިމާސް ކުރަން." އެންޑީއެމްއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ މިހާރު ކުރަމުންމިދާ ވިއްސާރާގައި އެލާރޓް މެސެޖުތައް ނެރޭ ސަރަޚައްދުގެ ރަށްރަށަށް އެން.ޑީ.އެމް.އޭ އިން ގުޅައި ހާލަތު 24 ގަޑި އިރު މޮނިޓަރ ކުރަމުން އަންނަކަމަށާއި ރަށްރަށުންވެސް ފެންބޮޑުވާ ހާލަތްތަކުގައި އެކަން އެން.ޑީ.އެމް.އޭ އަށް ރިޕޯރޓް ކުރުމަށްވެސް ދަންނަވާކަމަށެވެ.
އެންޑީއެމްއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ފާއިތުވެ ދިޔަ ސެޕްޓެމްބަރު މަހު ކުރި ވިއްސާރާގައިވެސް ހަތަރު ރަށަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 1.4 މިލިއަށް ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން އެން.ޑީ.އެމް.އޭ އިން އެހީތެރިކަށް ފޯރުކޮށްދޭ ދާއިރާ ތެރޭގައި ހިމެނޭ ގޭތެރޭގައި ހިފާ ގެންގުޅޭ ޒަރޫރީ ތަކެއްޗަށާއި، ފަރުނީޗަރަށް ލިބުނު ގެއްލުންއެކަނިވެސް ތިންލައްކަ ރުފިޔާއަށް ވުރެ ބޮޑުކަން އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
ރަށްރަށުގައި ފެންބޮޑުވެ އާންމު ފަރުދުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަޤްސަދުގައި އާންމުކޮށް ވާރޭ ވެހިގެން ފެންބޮޑުވާ ފަސް ރަށަކަށް މިއަހަރުގެ ތެރޭގައި އެންޑީއެމްއޭއިން ވަނީ ފެންހިއްކާ ޕަންޕު ހަވާލުކޮށްފައެވެ. އަދި ފެށޭ ހަފްތާގައި އިތުރު 13 ރަށަކަށް ފެން ހިއްކާ ޕަންޕު ހަވާލު ކުރުމަށް އެ އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. ޕަމްޕު ހަވާލުކުރުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން އެކި އަހަރު ތަކުގައި 51 ރަށަކަށް 96 ޕަންޕު ހަވާލުކުރެވިފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް