އިންތިހާބީ ރައީސް ވިދާޅުވީ ވަކި ޑިމޮކްރެޓުންނަށްވީތީ ސަރުކާރުގައި ހިމަނާ ވާހަކައެއް ނޫން: ތަރުޖަމާނު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވަކި ޑިމޮކްރެޓުންނަށް ނޫނީ ވަކި ޕާޓީއެއް ސަރުކާރުގައި ހިމަނާ ވާހަކަ ނޫންކަމުގައި އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ....

06 Oct 2023 | 13:45

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވަކި ޑިމޮކްރެޓުންނަށް ނޫނީ ވަކި ޕާޓީއެއް ސަރުކާރުގައި ހިމަނާ ވާހަކަ ނޫންކަމުގައި އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ މިއަދު ސަން އޮންލައިންގައި "ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް، ނަމަވެސް ސަރުކާރުން ޖާގަ ލިބޭނެ:ޑރ. މުއިއްޒު" މި ސުރުހީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރާއި ގުޅިގެން އޮޅުންއަރާފަދަ ގޮތެއް މެދުވެރިވެދާނެތީ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އެގޮތުން ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކަ ކަމަށާއި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށެވެ.

"ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް" ފިރުޒުލް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ މުއިއްޒުގެ އެ ވާހަކަފުޅަކީ ސީދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަން ފާހަގަކުރާ ކަމަށެވެ.

ސަންގެ އެ ޚަބަރުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް ނަމަވެސް އެކީގައި މަސައްކަތްތަކެއް ކުރެވުނު ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮތުން ރަށްރަށުގައިވެސް ޖަގަހަތަކުގައިވެސް އެކުގައި މަސައްކަތްކުރިކަން ޑރ. މުއިއްޒު ފާހަގަކުރެއްވިކަމާއި އަދި ގާބިލު ރަނގަޅު ބޭފުޅުން ހިމަނައިގެން ސަރުކާރު އެކުލަވާލާ ވާހަކަ ވިދާޅުވިކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް