ބީއެމްއެލް އިނޮވޭޝަން ލެބް ހެކަތަން އިފްތިތާހުކޮށްފި، ތިން ޓީމަކަށް ހަ މަސް ވާންދެން މަހަކު 20 ހާސް ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ގޮތުގައި މިއަދު ބީއެ...

06 Oct 2022 | 11:48

ބޭންކް އޮފް މޯލްޑިވްސް އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ގޮތުގައި މިއަދު ބީއެމްއެލް ހެކަތަން އިފްތިތާހުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދޭގޮތުގައި އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބް އަށް ބައިވެރިން ހޮވުމަށް މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމްގެދަށުންނެވެ. 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް އަމިއްލަ ފަރުދުންނާއި ޓީމްތަކަށްވެސް ރަޖިސްޓަރ ކުރެވޭނެއެވެ.

"މި ލިންކް މެދުވެރިކޮށް ހެކަތަން އަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ހެކަތަންއަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ . ހެކަތަން ފެށުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރު، 14:00 ގައި ހޮޓެލް ޖެންގައެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިންގ ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން ކަމަށާއި މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް ބޭންކްގެ އަމާޒެއްކަމަށެވެ.

"ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ" އޭނާ ވިދާޅުވިއެވެ.

ބޭންކުން ހާމަކުރާގޮތުގައި މި ހެކަތަންގައި ތިން ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް  ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މި މުއްދަތުގައި ބޭންކުގެ ފަރާތުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
  • ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
  • ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް

މި ހެކަތަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://hackathon.bankofmaldives.com.mv އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް