ބާ ރަންވޭ 41 އަހަރަށް ފަހު ބޭނުން ކުރުން ހުއްޓާލުން، ފަހު ފްލައިޓުގެ ޝަރަފު ޓާކިޝް އެއާލައިނަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބާ ރަންވޭއިން އެންމެ ފަހު ފްލައިޓު ފުރީ ރޭ11:07 ގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފި އެވެ. އެ ކުންފުނިން ބުނީ ރޭ އެންމެ ފަހު ފްލައިޓެއްގެ ގ...

06 Oct 2022 | 10:11

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބާ ރަންވޭއިން އެންމެ ފަހު ފްލައިޓު ފުރީ ރޭ11:07 ގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފި އެވެ.

އެ ކުންފުނިން ބުނީ ރޭ އެންމެ ފަހު ފްލައިޓެއްގެ ގޮތުގައި އެ ރަންވޭއިން ފުރީ ޓާކިޝް އެއާލައިންގެ ފްލައިޓެއް ކަމަށެވެ. މިއާއި އެކު އެ އެއާލައިނަށް ލިބުނު މި ޝަރަފު ރާއްޖޭގެ އޭވިއޭޝަންގެ ތާރީހުގައި ލިޔެވިގެންދާނެ އެވެ.

ޓާކިޝް އެއާލައިންގެ އެ ފްލައިޓު ފުރި ގަޑީގައި ޑިއުޓީގައި ތިބި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އެ ފަލައިޓަށް އަލްވަދާއު ކިޔުމަށް އެއްވެފައި އެވެ. ބާ ރަންވޭ އަށް ޓާޓާ ކިޔައި، ޓާކިޝް އެއާލައިންގެ ބޯޓު ފުރުމާއެކު، ރަންވޭގެ މައްޗަށް މުވައްޒަފުން އެރި އެވެ. އަދި އެ ފްލައިޓު ފުރުމުގެ ކުރިން މުވައްޒަފުން ވަނީ ތާރީހީ ފޮޓޯއެއްވެސް ނަގާފައެވެ.

ބާ ރަންވޭ ބޭނުން ކުރަން ފެށީ1981 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެވެ. ރޭގެ ފްލައިޓު ފުރުމާއި އެކު އެ ރަންވޭ ބަންދުކޮށް ދެން ބޭނުން ކުރާނީ ޓެކްސީ ވޭއެއްގެ ގޮތުގައި އެވެ.

މިއަދު ހުޅުވި އެއާޕޯޓުގެ އާ ރަންވޭއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅައި2018 ވަނަ އަހަރު ރަސްމީކޮށް ހުޅުވި އެއާޕޯޓެކެވެ. އާ ރަންވޭ އަކީ 3400 މީޓަރުގެ ދިގު، 60 މީޓަރުގެ ފުޅާ ޒަމާނީ ރަންވޭއެކެވެ.

އެ ރަންވޭ ބޭނުން ކުރަން ފެށުމުން ކޮންމެ ތިން މިނެޓަކުން ބޯޓެއް ކްލިއާކޮށްލެވޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އަދި ގަޑިއިރެއްގެ ތެރޭގައި21 ބޯޓު ޖެއްސޭނެ ކަމަށް މައުލޫމާތުދެ އެވެ.

އާ ރަންވޭ ރަސްމީކޮށް މިއަދު ބޭނުންކުރަން ފެށުމުގެ ގޮތުން ފުރަތަމަ ޖެއްސީ އެމިރޭޓްސްގެ މަތިންދާބޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް