ޗެމްޕިއަންސް ލީގު ގުރޫޕް ޖީގައި އެފްސީ ކޯޕަންހޭގަން އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބު ކުރީ 0-5 ގެ ނަތީޖާއިންނެވެ.
ސިޓީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ހަތް ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކުރީ އާލިން ހާލަންޑްއެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް ހާލަންޑްއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ގޯމޭސްއެވެ. ސިޓީގެ ތިންވަނަ ލަނޑަކީ ކޯޕަންހޭގަން ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުން ރިޔާދު މާރޭޒްއެވެ.
ފަސްވަނަ ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މި ލަނޑު މާރޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުން ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒްއެވެ.
ރޭގެ މެޗުގައި ހާލަންޑް ދެ ލަނޑު ކާމިޔާބުކުރި އިރު، އޭނާ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު ފުރަތަމަ 12 މެޗުން 19 ލަނޑު ޖަހާފައެވެ.
ރޭގެ މި މޮޅާއެކު ސިޓީ ގްރޫޕްގެ އެއްވަނާގައި އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ހަ ޕޮއިންޓާއެކު ދެވަނާގައި އޮތީ ބޮރޫޝިޔާ ޑޯޓްމަންޑެވެ. ސެވިއްޔާ ތިންވަނާގައި އޮތްއިރު، ކޯޕަންހޭގަން އޮތީ ފުލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް