އައު ރަންވޭ އަދި ނޫވިލު ސީ ޕްލޭން ޓާމިނަލް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭ އަދި ނޫވިލު ސީ ޕްލޭން ޓާމިނަލް މިއަދު ހުޅުވައިފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު ރަންވޭ އަދި ނޫވިލު ސީ ޕްލޭން ޓާމިނަލް ހުޅުވައިދެއްވީ ރާއ...

06 Oct 2022 | 05:13

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭ އަދި ނޫވިލު ސީ ޕްލޭން ޓާމިނަލް މިއަދު ހުޅުވައިފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު ރަންވޭ އަދި ނޫވިލު ސީ ޕްލޭން ޓާމިނަލް ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައި ވަނީ، އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއި އެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައެވެ.

މިއަދު ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުން ކުރަން ފެށުމާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20ށް ވުރެ މަތިވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

އައު ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭން ޓަރމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލެވެ. މި ޓަރމިނަލްއިން އެއް ވަގުތެއްގައި، 1000 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ސީޕްލޭން ޓަރމިނަލް އާއި އައު ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓަރަކްޝަން ގްރޫޕާއި ހަވާލުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް