މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރާއި ލޯތްބާއި އިހުތިރާމް ލިބިފައިވާ ގައުމެއް: ރައީސް ސޯލިހު

މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރާއި ލޯތްބާއި އިހުތިރާމް ލިބިފައިވާ ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިުބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ގ...

06 Oct 2021 | 17:04

މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރާއި ލޯތްބާއި އިހުތިރާމް ލިބިފައިވާ ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިުބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް ކަމަށެވެ.

"ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިޘިއްޔަތުން، އަބްދުﷲ ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް. ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައާ މުޅީން އެކަހެރިވެފައި އޮތް އަހަރުތަކަކަށް ފަހު، މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރާއި ލޯތްބާއި އިހުތިރާމް ލިބިފައިވާ ގައުމެއް." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި އިސްވެ ބަސް ބުނުމުގެ ފުރުސަތު، މިކުޑަކުޑަ ރާއްޖެއަށް ލިބުނީ، އާދެ، އދ. ގެ އާންމު މަޖިލީހުގެ ރިއާސަތު ރާއްޖެއާ ހަވާލުކުރީ، ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް މުޅި ދުނިޔެ ގަބޫލުކުރާތީ ކަމަށެވެ.

ހަމަމިއާއެކު ދިވެހިންނަކީ އެހެން ގައުމުތަކާ އެކު އެކުވެރިކަމާއެކު އެއް އާއިލާއެއް ފަދައިން އުޅެން ބޭނުންވާ ބައެއްކަން ދުނިޔެ ގަބޫލުކުރާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު އެންމެ އިސް ގައުމީ ވާޖިބަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވެސް އެއީ. ގައުމީ ތަރައްގީއަށްޓަކައި ކުރާ ކޮންމެ ކަމެއް އަދި ބައިނަލްއަގުވާމީ މުޖުތަމައާއެކު ގާއިމުކުރާ ކޮންމެ ގުޅުމެއް ބިނާކުރަނީ ވަރަށް ވަރުގަދަ ތަރަހައެއްގެ މަތީގަ." ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް